ކުއްލި ހާލަތު ނުކުރައްލުގެ ހާލަތުގެ ތެރެއިން ހިފެހެއްޓުނު ސުޕްރީމް ކޯޓުގެ ބާރުތައް އަނބުރާދީފައިވާ ކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާ ގޮތުގައި ގާނޫނު އަސާސީގެ 253 ވަނަ މާއްދާއަށް ރިއާޔަތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނެރެފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުގައި ހިމަނާފައިވާ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) އުނިކޮށް، އެ މައްދާއަށް އަމަލުކުރުން ހިފަހައްޓަވާފައިވާ ހިފެހެއްޓެވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅާފައެވެ.
މި މާއްދާގައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުން ބަލާ އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން ކަމުގައި ބަޔާންކޮށްފައިވެއެވެ.
މި މާއްދާ މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން އުނިކުރެވިފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ގެނެސްފައިވާ ދެވަނަ އިސްލާހެވެ. އެގޮތުން ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ނ) އާއި، އެ މާއްދާގެ (ރ) ދަށުން ލިބިދީފައިވާ ހައްގުތައް ހިފެހެއްޓުމަށާއި ހަނިކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ
އެ މާއްދާގެ (ހ) ގައި ވަނީ، އެ މީހަކު ހައްޔަރުކުރެވުނު ސަބަބު ވަގުތުން އެ މީހަކަށް އަންގާންވާނެ ކަމަށާއި އަދި ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ހައްޔަރުކުރެވުނު ސަބަބު ލިޔުމުން އެ މީހަކަށް ދޭންވާނެ ކަމަށެވެ.
އެ މާއްދާގެ (ނ) ގައި ވަނީ، ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ހައްގެއްކަން އެ މީހަކަށް އަންގައި، އެ ހައްގު ލިބިގަތުމުގެ ފުރުސަތު އެ މީހަކަށް ދޭންވާނެ ކަމަށެވެ.
އެ މާއްދާގެ (ރ) ގައި ވަނީ، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާން ވާނެ ކަމަށާއި އަދި ޝަރުތަކާ އެކު ނުވަތަ ޝަރުތަކާ ނުލައި އެ މީހަކު ދޫކޮށްލުމަށް، ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު އެ ފަނޑިޔާރަކަށް ލިބިގެންވާ ކަމަށެވެ.
ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުގެ ގޮތުގައި ވަނީ 15 ދުވަސް ކަނޑައަޅާފަ އެވެ.