ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރުކޮށްފި އެވެ.
ވިލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު އަދާކުރައްވާ ސިޔާދު ހައްޔަރުކޮށްފައި ވަނީ ވިލާ ބިލްޑިންގއާއި ވިލާ ހައުސް ބަލާފާސްކުރުމަށް ފަހު އަންގާރަ ދުވަހުގެ އިރުއޮއްސުނު ވަގުތުގައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލާ ބިލްޑިންގ އާއި ވިލާ ހައުސް ބަލާފާސްކުރުމަށް ފަހު ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ ދެ ކޮތަޅެއްގައި ބައެއް ތަކެތި ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ސިޔާދު ހައްޔަރުކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި، ސިޔާދުގެ ވަކީލުންނަށް ވެސް ތުހުމަތު ބުނެދޭން ނޭނގުނެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު، ސިޔާދު ހައްޔަރުކޮށްފައިވާއިރު، ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މައުމޫނުގެ ޅީދަރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ސިޔާދު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބައްޕާފުޅު، ގާސިމް އިބްރާހިމް އަށް ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މިވަގުތު ގާސިމް ހުންނެވީ ޖަރުމަނުވިލާތުގައެވެ.