ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިޔަފާރި ކުންފުނި ވިލާގެ ބައެއް ރިސޯޓްތަކަށް ފުލުހުން އަރައިފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލާ ގްރޫޕްގެ ޕެރެޑައިސް އައިލެންޑް ރިސޯޓަށް ފުލުހުން ވަނީ އަރައިފަ އެވެ. އެގޮތުން ގިނަ އަދަދެއްގެ ފުލުހުންތަކެއް އެ ރިސޯޓަށް އަރާފައިވާކަން ވަނީ އެނގިފަ އެވެ. އެހެން ނަމަވެސް އެ ރިސޯޓަށް އަރާފައިވަނީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.
މީގެ ކުރިން، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވިލާގެ ބައެއް ރިސޯޓްތަކަށް އަރާ އެ ރިސޯޓްތަކުގައި ހުރި ބަނގުރާ ސްޓޮކް ފުލުހުން ގެންގޮސްފައިވެ އެވެ. އެހެން ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ވިލާގެ ހިދުމަތްތައް ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމަށް 14 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ވިލާ ރިސޯޓަށް ފުލުހުންގެ ޓީމަކުން އަރާފައިވާ އިރު ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު 15 ދުވަހުގެ މުއްދަތަށް އިއުލާނުކޮށްފައި ވަނީ ގާނޫނުއަސާސީގެ ބޭނުން ކެނޑިގެންދާނެ ކަމަށް ގަބޫލު ކުރެވިގެން ކަމަށް ބުނެއެވެ.