މީގެ ހަ އަހަރު ކުރިން އިސްތިއުފާ ދެއްވީ ގޮށްމުށުގެ ބާރުން ވެރިކަން ނުކުރެއްވުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސައުންޑްކްލައުޑް މެދުވެރިކޮށް ރައީސް ނަޝީދު އާންމު ކުރެއްވި އޯޑިއޯއެއްގައި ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ކިތަންމެ ބޭފުޅުންނެއް އެމަނިކުފާނަށް ލަފާއެރުއްވި ކަމަށާއި އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ ތެރެއިން އިސް ބޭފުޅުން ހިމެނޭ ކަމަށެވެ.
"2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ކިތަންމެ ބޭފުޅުންނެއް އަޅުގަނޑަށް ލަފާއެރުއްވި. ފުލުހުންނާއި ސިފައިންގެ ތެރެއިން ކިތަންމެ އިސް ބޭފުޅުންނެއް ސިޔާސީ އަދި މަދަނީ ކިތަންމެ ބޭފުޅުންނެއް ރާއްޖޭގެ ދޮށީ އުމުރުގެ ބޭފުޅުންނާއި ވިޔަފާރިވެރިންގެ ތެރެއިން ކިތަންމެ ބޭފުޅުންނެއް އެހެން ނަމަވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި ގޮށްމުށުގެ ބާރުން ވެރިކަން ދަމަހައްޓައިގެން ނުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު، ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މައުމޫނުގެ ޅީދަރިކަލުން މުހައްމަދު ނަދީމުއާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި، ފަނޑިޔާރު އަލީ ހަމީދުއާއި، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރު ކޮށްފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅުން ދޫކުރުމަކީ ފުލުހުންނާއި ސިފައިންގެ ވާޖިބެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގައި ހުންނަން ޖެހޭނީ ރައްޔިތުންގެ ރުހުމާއި ލޯތްބާއި ތާއީދާއި އެކުގައި ކަމަށެވެ. ވެރިކަމަކީ މުލައްދަޑީގެ ބާރުން ކުރެވޭނެކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.
"ގަޓު ހުރުމަކީ ވެރިކަން ދޫކޮށްލުމުގެ ހިތްވަރު. ރައީސް ޔާމީންގެ އަމަލުފުޅުތައް ހުއްޓުވާންޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިން ގޮތް ދޫނުކުރުމުގެ ސަބަބުން ރައްޔިތުންނަށް މިދަނީ ބިކަހާލު ޖެހެމުން ކަމަށެވެ.
"ރައީސް ޔާމީންގެ ވެރިކަން ދެމެހެއްޓުމަށްޓަކައި މިހާރު މިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި. ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖެއާއި ބޭރު ދުނިޔޭގެ ހުރިހާ ވިޔަފާރިއެއް ހުއްޓިއްޖެ.ޓޫރިސްޓުން އައުން ހުއްޓިއްޖެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅު ނިންމަވާލެއްވީ އެމަނިކުފާނު ވަރަށްއަވަހަށް ރާއްޖެ ވަޑައިގަންނަވާނެކަމަށާއި އެމަނިކުފާނު ރާއްޖެވަޑައިގަންނަވާނީ ރައީސް ޔާމީން ވެރިކަމުން ދުރުކޮށްފައި ކަމަށެވެ.