ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް ކަރެކްޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ނާޒިމް ޖަލަށް ގެންގޮސްފައިވާ އިރު ސުޕްރީމް ކޯޓުން ވަނީ، ނާޒިމު ދޫކޮށްލުމަށް މިދިޔަ ބުރާސްފަތި ދުވަހު، އަމުރުކޮށްފައެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކުރުމުގެ ކުށުގެ ދައުވާކޮށް 11 އަހަރަށް ޖަލަށްލާފައި ހުންނެވި ނާޒިމް އެންމެ ފަހުން ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. ސުޕްރީމް ކޯޓުގެ އަމުރުން ނާޒިމް މިނިވަންވި ނަމަވެސް މިހާތަނާ ޖެހެންދެން ވެސް އޭނާ ހުންނެވީ ގޭބަންދުގައެވެ. އަދި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން އެ އަމުރަށް އަމަލުކޮށްފައެއް ނުވެއެވެ. އަދި ރައީސް ވަނީ އެ އަމުރަށް އަމަލުކުރެވެން ނެތްކަން ސުޕްރީމް ކޯޓަށް އަންގަވާފައެވެ. އަދި ރޭގެ ވަގުތެއްގައި ކުއްލި ހާލަތު އިއުލާނުކުރައްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ.
ނާޒިމްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި، ކުރީގެ ޑިފެންސް މިނިސްޓަރ އަހުމަދު އަދީބް އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލްރިޓަޔަރޑް މުހައްމަދުނާޒިމް އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިންގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމަށް ވެސް ވަނީ އަމުރުކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް މިނިވަންކޮށްފައި ވަނީ ފާރިސްއެވެ.