ކުއްލި ނުރައްކަލުގެ ހާލަތު ބަލައި ނުގަންނަ ކަމަށް ބުނެ އިދިކޮޅު މެމްބަރުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. އެ ޕެޓިޝަން މަޖިލީހަށް ހުށަހަޅާފައި ވަނީ އަންގާރަ ދުވަހުގައެވެ.
އިދިކޮޅު 32 މެމްބަރުން ސޮއި ކުރައްވާ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަންގައި ބުނެފައިވަނީ ރައީސުލްޖުމްހުރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރެފައިވާ ގަރާރަކީ ގާނޫނީގޮތުން އެއްވެސް ސައްހަކަމެއް ނެތް ބާތިލު ގަރާރެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ނެރެފައިވާ ގަރާރަކީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހުދޫދުން ބޭރުން ނެރެފައިވާ ގަރާރަކަށްވީ ހިނދު ކުއްލި ނުރައްކަލުގެ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ ދަށުން ހިފެހެއްޓުމުގެ ބާރު ލިބެނީ ޤާނޫނު އަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކުގެ ތެރެއިން ޤާނޫނުއަސާސީގެ 255 ވަނަ މާއްދާއިން އިސްތިސްނާ ކޮށްފައިވާ ހައްޤުތައްފިޔަވައި އެބާބުގައި ބަޔާންކޮށްފައިވާ އެހެނިހެން ހައްގުތައް ކަމަށެވެ. އަދި މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރެފައިވާގަރާރުން ދައުލަތުގެ ދެ ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހާއި އަދުލުއިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ސުޕްރީމުކޯޓުގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާ ހިފަހައްޓާފައިވަނީ ޤާނޫނުއަސާސީގެ 253ވަނަ މާއްދާއާއި ޚިލާފަށް ކަމަށެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރެފައިވާ ގަރާރު ބަލައި ނުގަންނަކަމަށް ދަންނަވާ ކަމަށެވެ.