ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަށް ބަދަލު ގެންނަވައި، ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންނަށް ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ހައްގުތައް ވެސް ހިފަހައްޓަވައިފިއެވެ.
ހޯމަ ދުވަހުގެ އިރުއޮއްސުނުއިރު، ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަށް އަންގާރަ ދުވަހު ގެންނެވި ބަދަލުގައިވާ ގޮތުގައި، ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ނ) އާއި، އެ މާއްދާގެ (ރ) ދަށުން ލިބިދީފައިވާ ހައްގުތައް ހިފެހެއްޓުމަށާއި ހަނިކުރުމަށް ކަނޑައަޅުއްވާ ކަމަށެވެ.
ގާނޫނު އަސާސީގެ 48 ވަނަ މާއްދާއަކީ ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ހައްގުތައް ބަޔާންކުރާ މާއްދާއެވެ.
އެ މާއްދާގެ (ހ) ގައި ވަނީ، އެ މީހަކު ހައްޔަރުކުރެވުނު ސަބަބު ވަގުތުން އެ މީހަކަށް އަންގާންވާނެ ކަމަށާއި އަދި ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ހައްޔަރުކުރެވުނު ސަބަބު ލިޔުމުން އެ މީހަކަށް ދޭންވާނެ ކަމަށެވެ.
އެ މާއްދާގެ (ނ) ގައި ވަނީ، ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ހައްގެއްކަން އެ މީހަކަށް އަންގައި، އެ ހައްގު ލިބިގަތުމުގެ ފުރުސަތު އެ މީހަކަށް ދޭންވާނެ ކަމަށެވެ.
އެ މާއްދާގެ (ރ) ގައި ވަނީ، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާން ވާނެ ކަމަށާއި އަދި ޝަރުތަކާ އެކު ނުވަތަ ޝަރުތަކާ ނުލައި އެ މީހަކު ދޫކޮށްލުމަށް، ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު އެ ފަނޑިޔާރަކަށް ލިބިގެންވާ ކަމަށެވެ.
މި ހައްގުތައް ހިފަހައްޓާފައިވާއިރު، ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދާއި، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ އިތުރުން، ރައީސް މައުމޫންގެ ޅީދަރިކަލުން މުހައްމަދު ނަދީމް ވަނީ ހޯމަ ދުވަހުގެ ރޭ ހައްޔަރުކޮށްފައެވެ.