ރާއްޖޭގައި އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، ދިވެހި ސަރުކާރުގެ އެ ނިންމުމާއި ގުޅިގެން ހިތާމަ ކުރާކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފިއެވެ.
ހޯމަ ދުވަހުގެރޭ ދަންވަރު އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ހެދަރ ނުއާރޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ޤާނޫނު އަސާސީގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށް، ހިތުހުރިގޮތަކަށް މީހުން ހައްޔަރުކޮށް، އެއްވުމުގެ ހައްޤަށް ހުރަސްއަޅައި، ދަތުރުފަތުރަށް ހުރަސްއެޅޭގޮތަށް ދިވެހި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަކީ އެމެރިކާއިން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެމެރިކާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، 2013 ވަނަ އަހަރު ކޯލިޝަނެއްގެ އެހީގައި ވެރިކަމަށް ވަޑައިގަތުމަށްފަހު، ރައީސް ޔާމީން އެ ކޯލިޝަން އެކަހެރިކޮށް، ބާކީކޮށްފައިވާ ކަމަށާއި، އިދިކޮލު ސިޔާސީ ލީޑަރުން ޖަލަށްލާފައިވާ ކަމަށާއި، ނުވަތަ ޤައުމުން ބޭރަށް އަރުވާލެވިގެން އުޅެން މަޖުބޫރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ރައްޔިތުން އިންތިޚާބުކޮށްފައިވާ މެންބަރުން، އެ ރައްޔިތުންގެ ޙައްޤުގައި ވާހަކަ ދެއްކެވުމަށް ރައީސް ޔާމީން ހުރަސްއަޅުއްވާފައިވާ ކަމަށާއި، އިންސާނީ ޙައްޤުތައް ނަގާލުމަށް ރައީސް ޔާމީންގެ ސަރުކާރުން ޤާނޫނުތައް ހަދައި، ރައީސް ޔާމީންގެ ބަހަށް ނޫނެކޭބުނެ، ޤާނޫނުގެ ތަރަހައިގެ ތެރޭގައި ތިބޭ ފަރާތްތައް ވަޒީފާއިން ވަކިކުރަމުންދާ ކަމަށްވެސް އެމެރިކާގެ ބަޔާނުގައި ވެއެވެ.
ޤާނޫނަށް ބޯލަނބައި، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކޮށް، ކްރިމިނަލް ކޯޓުގެ ނިންމުންތަކަށް އިޚުތިރާމްކޮށް، ޤާނޫނުހަދާ މަޖިލިސް މަސައްކަތް ކުރުމަށް ޖާގަދީ، ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ރައީސް ޔާމީނަށާއި، ދިވެހި އަސްކަރިއްޔާއަށް އެމެރިކާއިން ވަނީ ގޮވާލާފައެވެ.