ދިވެހިރާއްޖޭގެ މުއައްސަސާތަކުން، ދިވެހި މީޑީއާތަކަށް ހުރަސްއެޅުމާއި، މީޑިއަތަކަށް ޖެއްސުންކުރުން ހުއްޓާލުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓްސް (ސީޕީޖޭ) އިން ގޮވާލައިފިއެވެ.
ހޯމަ ދުވަހު އެ ޖަމުޢިއްޔާއިން ބުނީ، ދިވެހިރާއްޖޭގެ މުއައްސަސާތަކުން، ދިވެހި މީޑީއާތަކަށް ހުރަސްއެޅުމާއި، މީޑިއަތަކަށް ޖެއްސުންކުރުން ހުއްޓާލައި، އެ މީޑިއާތަކަށް މިނިވަންކަމާއިއެކު މަސައްކަތްކުރުމުގެ ފުރުޞަތު ދޭންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ބައެއް މީޑިއާތައް ބަންދުކޮށް، ބައެއް މީޑިއާތަކަށް ސައިބަރ އެޓޭކްތައް ދެމުންދާކަން އެ ޖަމުޢިއްޔާއިން ފާހަގަކުރިއެވެ.
ވޮޝިންގޓަންގައި ހުންނަވާ އެ ޖަމުޢިއްޔާގެ އޭޝިއާ ޕްރޮގްރާމް ކޯޑިނޭޓަރ ސްޓީވަން ބަޓްލަރ ވިދާޅުވީ، މުއައްސަސާތަކުން މީޑިއާގެ މައްޗަށް ބާރު ހިންގަން އުޅޭއުޅުން ހުއްޓާލައި، ޤާނޫނުއަސާސީން ލިއްބައިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ޖާގަދޭން ޖެހޭ ކަމަށެވެ.
ސީޕީޖޭއިން ވަނީ ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާތަކަށް ދެމުންދާ އިންޒާރުތަކާއި، ބައެއް އެހެން ފަރާތްތަކުން މީޑިއާއަށް ހުރަސްއަޅަމުންދާ ދިއުން ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖެޓީވީ ބަންދުކުރުމަށް، ސަރުކާރު ހިންގާ ޕާޓީގެ ނައިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގޮވާލެއްވި ގޮވާލެއްވުމާއި، ސަރުކާރުގެ އެކްޓިވިސްޓުން ކުރިއަށްގެންދިޔަ ސިޔާސީ އެއްވުމެއްގެ ތެރެއިން ރާއްޖެޓީވީއަށް ހަމަލާދީ އެ ސްޓޭޝަން ހިންގާ އިމާރާތުގައި ހުޅުޖެހުމަށް ގޮވާލާފައިވާކަން ސީޕީޖޭއިން ވަނީ ހާމަކޮށްފައެވެ.
އަދި ހަމަ މިއާއިއެކު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމާއިއެކު، މޯލްޑިވްސް އިންޑިޕެންޑެންޓްގެ ވެބްސައިޓަށް ހަމަލާތަކެއް ދެމުން ގެންގޮސްފައިވާކަންވެސް ސީޕީޖޭއިން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގައި ކުއްލި ހާލަތު އިޢުލާނުކުރުމަށް ނެރުނު ބަޔާނުގައި ރައްޔިތުންގެ ބައެއް ޙައްޤުތައް ހިފަހައްޓާފައިވާ ކަމަށް ބުނެފައި ވީނަމަވެސް، ނޫސްވެރިކަން ކުރުމުގެ ޙައްޤު ހިފަހައްޓާފައިއެއް ނުވެއެވެ. އެހެން ނަމަވެސް، އޭރުއްސުރެ ސަލާމަތީ ޚިދުމަތްތަކުންދަނީ ނޫސްވެރިންނަށް އެކި ވަރުގެ ޖެއްސުން ކުރަމުންނެވެ.