ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސައީދާއި، އެ ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދު ހައްޔަރުކޮށްފިއެވެ.
މި ދެބޭފުޅުން ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެރޭ ފަތިސްވާން ގާތްވެފައިވަނިކޮށް، ސުޕްރީމް ކޯޓު ހުންނަ ތީމުގޭ އިމާރާތުންނެވެ.
އުއްތަމަ ފަނޑިޔާރު ސައީދާއި، ފަނޑިޔާރު އަލީ ޙަމީދު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން މި ދެބޭފުޅުން ހައްޔަރުކުރީ ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް ކަމަށެވެ.
ދިވެހިރާއްޖޭގެ އެންމެ އިސް ފަނޑިޔާރާއި، އެންމެ އިސް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކޮށްފައި ވަނީ، ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ސުޕްރީމް ކޯޓުގެ ބައެއް ބާރުތަކާއި، ޖިނާއީ އިޖުރާޢަތުގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނުގެ ބައެއް މާއްދާތަކާއި، އަދިވެސް އެހެނިހެން ބައެއް ޙައްޤުތައް ހިފެހެއްޓުމަށްފަހުއެވެ.
އުއްތަމަފަނޑިޔާރު ސައީދާއި، ފަނޑިޔާރު އަލީ ޙައްޔަރުކޮށްފައިވަނީ ގިނަ އިރުތަކެއްވަންދެން ފުލުހުންނާއި ސިފައިން ސުޕްރީމް ކޯޓުގައި ހަރަކާތްތެރިވެ، އެ ކޯޓު ބަލައި ފާސްކުރުމަށްފަހުއެވެ.
މި ދެބޭފުޅުން ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ދޫނިދޫގައި ހުންނަ ފުލުހުންގެ ޑިޓެންޝަން ސެންޓަރަށެވެ.