ހޯމަ ދުވަހުގެރޭ، ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނެރެފައިވާ ޤަރާރަކީ ޤަނޫނުއަސާސީގެ 253 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޚުދޫދުން ބޭރުން ނެރެފައިވާ ޤަރާރެއް ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފިއެވެ.
އެ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ޚާލަތު އިޢުލާންކޮށް ނެރެފައިވާ ޤަރާރުގައި، އެޤަރާރު ނެރުނު ސަބަބުތައް ކަމަށް ބަޔާންކޮށްފައިވާ ސަބަބުތަކަކީ ޤާނޫނުއަސާސީގައި ކުއްލި ނުރައްކަލުގެ ޚާލަތު އިޢުލާން ކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ސަބަބުތަކުގެ މާނައިގެތެރޭގައި ހިމެނޭ ސަބަބުތަކެއް ނޫން ކަމަށެވެ.
އަދި، ކުއްލި ނުރައްކަލުގެ ޚާލަތުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީގެ ދަށުން ހިފެހެއްޓުމުގެ ބާރު ލިބެނީ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކުގެ ތެރެއިން ޤާނޫނުއަސާސީގެ 255 ވަނަ މާއްދާއިން އިސްތިސްނާކޮށްފައިވާ ޙައްޤުތައް ފިޔަވައި، އެބާބުގައި ބަޔާންކޮށްފައިވާ އެހެނިހެން ޙައްޤުތައްކަން އެފަރާތުން ވަނީ ފާހަގަ ކޮށްފައެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ޚާލަތު އިޢުލާންކޮށް ނެރެފައިވާ ޤަރާރުން ދައުލަތުގެ ދެ ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހާއި ޢަދުލުއިންސާފު ޤާޢިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ސުޕްރީމްކޯޓުގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާ ހިފަހައްޓާފައި ވަނީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާ ޚިލާފަށް ކަމަށް އެފަރާތްތަކުން ބުނެއެވެ.
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ޚާލަތު އިޢުލާންކޮށް ނެރެފައިވާ ޤަރާރަކީ ޤާނޫނީގޮތުން އެއްވެސް ޞައްޙަކަމެއް ނެތް ބާޠިލު ޤަރާރެއްކަމަށާއި، ކުއްލި ނުރައްކަލުގެ ޚާލަތު އިޢުލާންކޮށް ނެރެފައިވާ ޤަރާރު ބަލައި ނުގަތުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލިމަންޓަރީ ގްރޫޕްގެ ފަރާތުން ވަނީ ނިންމާފައެވެ.