އެމެރިކާ އޮތީ ދިވެހި ރައްޔިތުންނާ އެކު ކަމަށް އެމެރިކާގެ ވައިޓްހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުން ބުނެފިއެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމާ ގުޅިގެން، ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، އެމެރިކާ އޮތީ ދިވެހި ރައްޔިތުންނާ އެކު ކަމަށެވެ. އަދި ދިވެހި ސަރުކާރާއި އަސްކަރިއްޔާ އިން، ޤާނޫނުތަކަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށާއި، ދިމިޤުރާތީ މުއައްސަސާތަކަށް އިޚުތިރާމްކުރަން ޖެހޭނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ކައުންސިލްގެ ޓްވީޓްގައި ބުނެފައި ވަނީ، ދުނިޔެ އޮތީ ބަލަން ކަމަށެވެ.
America stands with the people of Maldives. The Maldivian government and military must respect the rule of law, freedom of expression, and democratic institutions. The world is watching.
— NSC (@WHNSC) February 5, 2018
ވައިޓްހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުން ރާއްޖެ އާއި ގުޅޭ ގޮތުން މިފަދަ ޓްވީޓެއް ކޮށްފައިވާއިރު، މިއީ އެ ކައުންސިލުން ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި މިފަދަ ޓްވީޓެއް ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސީދާ އެމެރިކާގެ ސަލާމަތާއި ރައްކާތެރި ކަމަށް އަސަރު ނުކުރާ ފަދަ ކަމެއްގައި އެ ކައުންސިލުން، އެހެން ޤައުމެއްގެ ދާހިލީ ކަމަކާ ގުޅޭ ގޮތުން ބަސް ބުނެފައެއް ނުވެއެވެ. ނަމަވެސް އެމެރިކާ ސަރުކާރުގެ އިސް ފަރާތްތަކުން ކޮށްފައިވާ ބައެއް ޓްވީޓްތައް އެ ކައުންސިލުން ވަނީ ރީޓްވީޓް ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހޯމަ ދުވަހުގެރޭ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރެއްވިއިރު، ޤާނޫނު އަސާސީން އެމަނިކުފާނަށް ލިބިދޭ ބާރުގެ ބޭރުން، ބައެއް ޙައްޤުތައް ހިފަހައްޓައި، ބައެއް މުއައްސަސާތައް ވަގުތީ ގޮތުން ހުއްޓުމަކަށް ގެނެސްފައި ވާތީ، އެ އަމުރަކީ ޣައިރުޤާނޫނީ އަމުރެއް ކަމަށް ޤާނޫނީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.