ކުއްލި ނުރައްކަލުގެ ޙާލަތުގެ ގޮތުގައި ސަސްޕެންޑްކޮށްފައި އެވަނީ ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ ކަމަށާއި، އެކަމުގެ ސަބަބުން މިހާރު ރާއްޖޭގައި ސައްޙަ ވެރިކަމެއް ނެތް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލް ހުސްނުއް ސުޢޫދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ސުއޫދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރައްވާފައި ވަނީ ސައްޙަ ގޮތުގައި ނޫން ކަމަށާއި ކުއްލި ނުރައްކަލުގެ ޙާލަތު ޤާނޫނުއަސާސީއާ ޚިލާފް ކަމަށެވެ.
"ރާއްޖޭގެ އެންމެ މަތީ ކޯޓުން ކުރާ އަމުރެއް ތަންފީޒް ނުކުރުމަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިދާނެ ކަމަށް ޤާނޫނުއަސާސީއެއް ނުބުނޭ. ދެވަނަ ކަމަކީ ޤާނޫނުއަސާސީ ހުއްދަކުރާ ކަމެއް ނޫން ސުޕްރީމް ކޯޓު ސަސްޕެންޑް ކުރުމަކީ. ސްޓޭޓް އިމްޖެންސީގެ ވަގުތުގައި ސުޕްރީމް ކޯޓު ސަސްޕެންޑް ކުރުމަކީ ޤާނޫނުއަސާސީން ހުއްދަ ކުރާ ކަމެއް ނޫން. އެއީ ސްޓޭޓް އިމްޖެންސީ އިއުލާން ކުރުމުގެ ތެރޭގައި އެއްވެސް ކަމަކާ މެދު ޚިޔާލް ތަފާތުވުން އުފެދިއްޖެ ނަމަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިދީފައިވާތީވެ އޭގެން އެނގޭ އެއްވެސް ހާލެއްގައި ސްޓޭޓް އޮފް އިމަޖެންސީގެ މުއްދަތުގައި ދިވެހިރާއްޖޭގެ ސްޕރީމް ކޯޓު ސަސްޕެންޑް ނުކުރެވޭނެކަން. ރައީސުލް ޖުމްހޫރިއްޔާ ސްޓޭޓް އޮފް އިމްޖެންސީ އިއުލާން ކުރެއްވި ބަޔާނުގައި ވިދާޅުވެފައި އޮންނަނީ ސުޕްރީމް ކޯޓު 15 ދުވަހުގެ މުއްދަތައް ސަސްޕެންޑް ކުރައްވާފައިވާކަމަށް. އެހެންކަމުން މި ސްޓޭޓް އޮފް އިމަޖެންސީއަކީ ދިވެހިރާއްޖޭގެ ދައުލަތުގެ އެއްބާރު ކަނޑުވާލާ ނެތިކޮށްލައިފައިވާ ސްޓޭޓް އޮފް އިމަޖެންސީއެއްކަމަށް ވާތީވެ އެސްޓޭޓް އޮފް އިމަޖެންސީއަކީ ދިވެހިރާއްޖޭގެ ޤާނޫން އަސާސީއާ ޚިލާފް ސްޓޭޓް އޮފް އިމަޖެންސީއެއް" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދެއްކުމަށް ކަމަށާއި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމުގެ ކުޑައިރުކޮޅެއް ކުރިން އުއްތަމަ ފަނޑިޔާރު ގުޅުއްވައި އެފަދަ ބިރުވެރިކަމެއް އޮތް ކަމަށް ވިދާޅުވެ އެކޯޓާއި ފަނޑިޔާރުން ސަލާމަތް ކޮށްދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ.
ސުއޫދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ވެސް ފުލުހުން ވަދެފައިވާ ކަމަށާއި އެގޮތައް ސުޕްރީމް ކޯޓުގެ ތެރެއަށް ފުލުހުން ވަދެގަނެފި ނަމަ އެފެށުނީ މިލިޓްރީ ވެރިކަމެއް ކަމަށެވެ. އަދި މަޖިލީހަށާއި ސުޕްރީމް ކޯޓަށް ސިފައިން ވަދެއްޖެ ނަމަ އޭގެ މާނައަކީ ޤާނޫނުއަސާސީ އުވުނީ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ސްޓޭޓް އިމަޖެންސީ ސައްޙަތޯ ބެލުމަށް ދެވޭނީ މަޖިލީހާއި ސުޕްރީމް ކޯޓަށް ކަމަށާއި ސްޓޭޓް އޮފް އިމަޖެންސީގެ އިއުލާން ބުނާ ގޮތުން ސުޕްރީމް ކޯޓު ވަނީ ސަސްޕެންޑް ކުރެވިފައި ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޤާނޫން އަސާސީ ދެމިއޮތް ކަމަށް ޤަބޫލްނުކުރައްވާ ކަމަށާއި އަނެއް ދެބާރު ސަސްޕެންޑް ވެފައިވާއިރު މިހާރު މިއޮތް ސަރުކާރަކީ ސައްޙަ ސަރުކާރެއް ނޫން ކަމަށެވެ.