ރާއްޖޭގެ ހަމަހިމޭންކަން ނަގާލުމަށް, ބައެއް ފަރާތްތަކުން ވެރިރަށް މާލެ އާއި ރާއްޖޭގެ ބައެއް ރަށްތަކުގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާ މެދު ނަފުރަތުކަން އުފައްދާ ކަމުގައިވާ ނަމަ އެކަން ހުއްޓުވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރާ، ރާއްޖޭގެ މަސްލަހަތު ނަގާލުމަށް ފާޅުގައި ހިތްވަރުދީ އެއްވުންތައް ބާއްވާ އަދި ސޯޝަލް މީޑިއާގައި ރާއްޖޭގެ އިޖުތިމާއް ހަމަޖެހުމަށް ބުރޫ އަރައި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ފާޅުގައި ނުރައްކާކުރުމަށް ހިންގަމުންދާ ތަފާތު ހަރަކާތްތައް ހުއްޓުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގެ ގާނޫނު އަސާސީން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަމަން އަމާންކަމާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސަލާމަތީ ބާރުތަކުން ސާބިތުކަމާއި ބަދަހިކަމާ އެކު ދެމިއޮތް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމާއި ގާނޫނީ ސަރުކާރު ހިމާޔަތްކުރުމުގައި ގާނޫނު އަސާސީން ސަލާމަތީ ބާރުތަކަށް ލާޒިމްކޮށްފައިވާ އެންމެހާ ކަންކަން ތަންފީޒުކުރުމުގައި ސާބިތުކަމާ އެކު ސަލާމަތީ ބާރުތައް ދެމި އޮތްކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަގީންކުރާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ރާއްޖެ ހަލަބޮލި ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ކިޔަމަންތެރިކަން އަދާކުރުމާއި ރާއްޖޭގެ ހަމަހިމޭންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކުރައްވާފައެވެ.