ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނެރުއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
ގާނޫނޫއަސާސީގެ 255 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެއެވެ.
ގާނޫނީ ވަކީލު، އަދި ފުލުހުންގެ ލޯ އިންސްޓްރަކްޓަރެއްގެ ގޮތުގައި އުޅުއްވި މުހައްމަދު ނިޝާން "ރާއްޖެއެމްވީ"އަށް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ގަރާރުގައި ގައުމީ ސަލާމަތަަށް ނުރައްކާވާ ކަމަށް ބުނެ، ގަރާރުގައި ބުނެފައިވާ ހާލަތެއް ރާއްޖެއަށް ކުރިމަތިނުވާ ކަމަށެވެ.
ނަމަވެސް ގާނޫނުއަސާސީގައި "ގައުމީ ސަލާމަތަށް ނުރައްކާވުން" މާނަކޮށްފައިވާ ގޮތަށް އިޝާރާތް ކުރައްވައި ނިޝާން ވިދާޅުވީ ރާއްޖޭގެ ސިޔާސަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަކީ ގައުމީ ސަލާމަތަށް ނުރައްކާވުން ކަމަށެވެ. މީގެ ތެރޭގައި ޓެރަރިސްޓް ހަމަލާތަކާއި ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް ހިމެނޭ ކަމަށް ގާނޫނުއަސާސީގެ 274 ވަނަ މާއްދާގައި ބުނެފައިވާ ކަމށް ނިޝާން ވިދާޅުވިއެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުން ރައްޔިތުންނަށް ލިބިދޭ ގާނޫނީ ހައްގުތައް ބޭނުން ކޮށްގެން އެކި ކަންކަމަށް ތާއިދު ކުރުމަށް ނުވަތަ އިންކާރު ކުރުމަށް ގާނޫނާ ހިލާފުނުވެ ހިންގާ ސުލްހަވެރި ހަރަކާތްތަކެއް މީގެ ތެރޭގައި ނުހިމެނޭ ކަމަށް ނިޝާން ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ހާލަތަކީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން، ވެރިކަން ހިންގާ ބާރު، ސަރުކާރުން ހެދި ދެކޮޅުވުމެއްގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމެއް ކަމަށާއި އެއީ ގާނޫނުއަސާސީގައި ބުނާ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ ހާލަތެއް ނޫން ކަމަށެވެ.