ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދެކަނބަލުން، ނުވަ މިލިއަން ރުފިޔާއަށް ދެ ފްލެޓް ބައްލަވައި ގަނެފިއެވެ.
އެފްޑަބްލިއު ކޮންސްޓްރަކްޝަނުން މާލޭގައި އިމާރާތްކުރި "ރެހެންދި-6" އިން މެމްބަރު އަބްދުއްރަހީމާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ހުސައިން ފްލެޓް ބައްލަވައިގަނެފައި ވަނީ ފްލެޓެއް 4.5 މިލިއަން ރުފިޔާއަށެވެ. އެ ދެ ފްލެޓްގެ އަގު 9 މިލިއަން ރުފިޔާއަށް އަރާއިރު އެއީ ފެންވަރު ރަނގަޅު ފްލެޓްތަކެކެވެ.
އަބްދުއްރަހީމްގެ ދެ ކަނބަލުން ފްލެޓް ބައްލަވައިގަތުމަށް ދައްކަންޖެހޭ ފައިސާ ހަލާސްކޮށްފައި ވާތީ، އެ ދެ ފަރާތަށް ފްލެޓް ރެޖިސްޓްރީ ބަދަލުކޮށް ދިނުމަށް ފޮނުވާފައިވާ ސިޓީ ވަނީ އާއްމުވެފައެވެ.
އެނގިފައިވާ ގޮތުގައި އަބްދުއްރަހީމްގެ ދެ ކަނބަލުން ބައްލަވައިގަނެފައި ވަނީ ފުރަތަމަ ފްލޯގެ އެއްވަނަ ފްލެޓާއި ދެ ވަނަ ފްލެޓެވެ. އެހެންކަމުން އެއީ ޖެހިޖެހިގެން ހުރި ދެ ފްލެޓް ކަމަށް ވެއެވެ.
އަބްދުއްރަހީމް ވަނީ ފްލެޓް ބައްލަވައިގަނެފައިވާ ކަމަށް ވިދާޅުވެ، ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.