އުއްތަމަ ފަނޑިޔާރުން އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު "ނައްތާލާނެ" ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު އިންޒާރު ދެއްވައިފިއެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިހާނު ވިދާޅުވީ، އަދިވެސް ޕީޕީއެމްގެ މަޖިލީސް މެންބަރުންގެ ގޮތުގައި ގާތްގަނޑަކަށް 40 މެންބަރުން އެބަ ތިބި ކަމަށވެެ.
"ފަނޑިޔާރުންގެ ތެރެއިން އަލީ ހަމީދާ، އަބްދުﷲ ސައީދާއި ދެ ބޭފުޅުން ހީނުކުރައްވާތި، އަޅުގަނޑުމެންގެ ގައުމަށް އަދުއްވުންގެ ގޮތުގައި އެރި ކޮންމެ ބަޔަކު މި ގައުމުގެ ފަސް ގަނޑު އިނދަ ޖައްސާލީ އަޅުގަނޑުމެންގެ ކާބަފައިން. އެ ކާބަފައިން ކަންތައްތައް ކުރެއްވި ގޮތަށް އަޅުގަނމެންގެ ދިވެހި ސިފައިންނާ ފުލުހުން އެބަ ތިއްބެވި،" ނިހާނު ވިދާޅުވިއެވެ.
ނިހާނު ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާލެއަށް މީހުން އެއްކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. ނިހާނު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ތަރައްގީ ގެނައުމަށް ކަމަށާއި ތަރައްގީއަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރާ ފަރާތްތަކަށް ސަލާމަތީ އިދާރާތަކުން ސަމާލުވަންޖެހޭ ކަމަށެވެ.
"މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރައްވާ އެންމެ ހުތުރު އަމަލު. ބޭރުގެ ފަރާތްތަކާ ވާހަކަދައްކާ، މައްލަވަކޮށް ރާއްޖޭގެ އަދުލް އިންސާފު ނިންމަންވީ ގޮތް އަޅުންފިލުވުމަކީ، ދިވެހި ދައުލަތުގެ ކަރާމާތްތެރިކަން ނައްތާލުމަށް ދިން އުދުވާނީ ހަމަލާއެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން." ނިހާނު ވިދާޅުވިއެވެ.