ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު އަދިވެސް ހައްޔަރުކޮށްފައި ބަހައްޓާފައި ވާތީ ހަތަރު ފުލުހަކަށް ފިޔަވަޅުއަޅައިދޭން ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފި އެވެ.
ސުޕްރީމް ކޯޓަށް ހޯމަ ދުވަހު ހުށަހެޅުއްވި މައްސަލާގައި ފިޔަވަޅުއަޅައިދޭން އެދުނު ފަރާތްތަކުގެ ތެރޭގައި އެކްޓިން ޕޮލިސް ކޮމިޝަނަރ އަބްދުﷲ ނަވާޒް ވެސް ހިމެނިވަޑަގަންނަވަ އެވެ. އަދި ނަވާޒްގެ އިތުރުން ފުލުހުންގެ ކަސްޓީޑިއަލް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިޓެންޑެންޓް އަހަމްދު ނާފިޒާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝަރީފާއި ދޫނިދޫ ކަސްޓޯޑިއަލްގެ އިންޗާޖް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އަބްދުއްރަހީމްގެ މައްޗަށް ފިޔަވަޅުއަޅައިދޭން އެދިވަޑައިގެންފައިވެ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފާރިސްގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ހަތަރު ފުލުހަކު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ފިޔަވަޅުއަޅައިދޭން އެދުނީ އެ ކޯޓުން ނެރުނު އަމުރާ ހިލާފުވެފައިވާތީ ކޯޓުގެ ހުރުމަތްކަނޑާފައިވާ ކަމަށް ކަނޑައަޅާ ފިޔަވަޅުއަޅައިދޭން ކަމަށެވެ.
މީގެ އިތުރުން ފާރިސް ދޫކޮށްލުމަށް ކޯޓުން ކޮށްފައިވާ އަމުރާ ހިލާފުވެފައިވާތީ ހޭބިއަސްކޯޕަސްގެ މައްސަލައެއް ސުޕްރީމް ކޯޓަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ބެލުމަށް ފާރިސް ސުޕްރީމް ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ވެސް ވަނީ ހުށަހަޅުއްވާފަ އެވެ. މި މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ދޫކޮށްލަން ޖެހޭ މެމްބަރުންގެ ތެރޭގައި ފާރިސް ވެސް ހިމެނިވަޑައިގަންނަވަ އެވެ.