ފެބްރުއަރީ ފުރަތަމަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ކުރައްވާފައިވާ ސޮޔަކީ ސައްޚަ ސޮއެއްކަން އުއްތަމަފަނޑިޔާރު ޢަބްދުﷲ ސައީދު ކަށަވަރުކޮށްދެއްވާފައި ވާކަމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލް ކުރައްވާފައިވާ ޓްވީޓަކަށް ރައްދުދެއްވައި، ހޯމަ ދުވަހު ޑޯރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުއްތަމަ ފަނޑިޔާރާއި ވާހަކަ ދެއްކެވި ކަމަށާއި، ފެބްރުއަރީ ފުރަތަމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ކުރައްވާފައިވާ ސޮޔަކީ ސައްޚަ ސޮއެއްކަން އުއްތަމަފަނޑިޔާރު ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ.
ޑޯރިސް ވިދާޅުވީ މިވަގުތު ފަނޑިޔާރުންނަށް ނުހަނު ބޮޑު ޕްރެޝަރެއް އޮތް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށެވެ.
I spoke today to #Maldives CJ Saeed. He said that neither his nor any other judge's signature was forged.
— James Dauris (@JamesDauris) February 5, 2018
He told me about the great pressure judges are under.
It is in the fundamental interests of every Maldivian that the independence of the judiciary is respected & supported. https://t.co/AarlJGw8GJ
މީގެ އިތުރުން ޑޯރިސް ވިދާޅުވީ، ޝަރުޢީ ދާއިރާގެ މިނިވަން ކަމަށް އިޚުތިރާމްކޮށް، އެ މިނިވަން ކަމަށް ތާޢީދުކުރުމަކީ ހުރިހާ ދިވެހި ރައްޔިތުން ވެސް ބޭނުންވާ ގޮތް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ޑޯރިސް މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހުގެރޭ ނެރުނު އަމުރުގައި ސޮއިކުރާއްވާފައި ވަނީ އުއްތަމަފަނޑިޔާރު ޢަބްދުﷲ ސައީދު ކަމާ މެދު ސުވާލު އުފައްދަވާފައެވެ.