ފުލުހުންނާއި މާރާމާރީ ހިންގައި ފުލުހެއްގެ މޭމަތީގައި ޖެހި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގައި މަސައްކަތް ކުރައްވާ އާމިނަތު ނާދިރާ ފުލުހަށް ހާޒިރުކޮށްފިއެވެ.
މިއަދު މެންދުރު ފަހު ނާދިރާ ފުލުހަށް ހާޒިރު ކުރުމަށް ފަހު، ފުލުހުން ވަނީ މައްސަލައާ ގުޅޭ ގޮތުން އޭނާއާ ސުވާލުކޮށްފައެވެ. ވަކީލަކާ އެކު ޖަވާބުދާރީވާނެ ކަމަށް ނާދިރާ ވިދާޅުވުމުން، މާދަމާ ފުލުހަށް ހާޒިރުކުރާނެ ކަމަށް ފުލުހުން ވަނީ އަންގާފައެވެ.
ނާދިރާގެ މައްޗަށް ތުހުމަތު ކުރަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޯކިޑުމަގު، ސަލްސާ ރެސްޓޯރަންޓް ކައިރީގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި އެއްވުމުގައި ފުލުހެއްގެ މޭމަތީގައި އޭނާ ޖެހި ކަމަށެވެ.
ރާއްޖެޓީވީގެ ލައިވްކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ނާދިރާ ވިދާޅުވީ އޭނާ ފުލުހަކަށް އަނިޔާކޮށްފައި ނުވާނެ ކަމަށާއި އޭނާއަށް އަނިޔާކޮށްފައި ވަނީ ފުލުހުން ކަމަށް ނާދިރާ ވަނީ ވިދާޅުވެފައެވެ.
"އަނިޔާކޮށްގެން އުޅޭ މީހެއް. ފުލުހަކަަށް ވެސް އާންމު މީހަކަށް ވެސް ވިޔަސް. އަޅުގަނޑަށް ދިން އަނިޔާ މާ ބޮޑު. އަޅުގަނޑު މައްސަލަތައް ލާނަން،" ނާދިރާ ވިދާޅުވިއެވެ.