ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް ހޯމަދުވަހު ފޮނުއްވި ސިޓީފުޅުތައް އެކޯޓުން ބަލައިގެންފައިނުވާކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.
ހޯމަދުވަހު ބޭއްވި ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި އެޕާޓީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ފޮނުއްވި ސިޓީ ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށެވެ. ރައީސް ޔާމީންގެ ސިޓީފުޅު ބަލައި ނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން އަންގާފައި ވަނީ ރަސްމީގަޑީގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ފޮނުއްވި ސިޓީފުޅުތައް ސުޕްރީމް ކޯޓުން ބަލައި ނުގަތް ކަމުގައި ވިއަސްކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޓީފުޅެއް ސުޕްރީމް ކޯޓުން ބަލައިގެންފައިވާ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން އަބްދުއްރަހީމް ވަނީ ފާޅުކުރައްވާފައެވެ.
"ދައުލަތުގެ އެންމެ އިސް ވެރިޔާ ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއެއް ސުޕްރީމް ކޯޓުން ބަލައެއް ނުގަތް. ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވިޔަސް މިއަދު ދެން ބަލައެއް ނުގަނެވޭނެއޭ." އަބްދުއްރަހީމް ވިދާޅުވިއެވެ.
ބުރާސްފަތިދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރައީސް ޔާމީން ވަނީ ހޯމަދުވަހު ތިން ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ތިން ސިޓީ އަނބުރައި ފޮނުވައިލުމުން ރައީސް ވަނީ ހަތަރު ވަނަ ސިޓީފުޅެއް ސުޕްރީމް ކޯޓަށް ފޮނުއްވާފައެވެ. އެހެން ނަމަވެސް ހަތަރުވަނަ ސިޓީފުޅު ބަލައިގަތް ކަމެއް އަދި ނޫން ކަމެއް ވެސް އެނގިފައެއް ނުވެއެވެ.