ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާ ޗައިނާގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ޤައުމުގެ ސަރުކާރުން ގޮވާލައިފިއެވެ.
މި އަހަރު ޗައިނާއިން ރާއްޖެއާއި ގުޅޭގޮތުން ނެރުނު ދެވަނަ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ހަމައަކަށް އެޅެންދެން ރާއްޖެއަށް ދަތުރު ނުކުރުމަށް ޗައިނާގެ ރައްޔިތުންނަށް ގޮވާލާ ކަމަށެވެ.
އާދީއްތަ ދުވަހު ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި، ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ޗައިނާގެ ރައްޔިތުންނަށް ނަސޭޙަތްތެރި ވެފައިވާއިރު، ހޯމަ ދުވަހު އަލުން ނެރުނު އެޑްވައިޒަރީއަށްފަހު، ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ގެންގް ޝުއާންގ ވިދާޅުވީ، ކުރިއަށް އޮތީ ޗައިނީޒް ނިއު އިޔަރއަށް ވެފައި، އެ މުނާސަބަތަކީ ޗައިނާގެ ގިނަ އަދަދެއްގެ ރައްޔިތުން ރާއްޖެއަށް ދަތުރުކުރާ ދުވަސްވަރެއް ކަމަށެވެ.
"ކުރިއަށް އޮތް ކުރު މުއްދަތުގައި ރާއްޖެއަށް ދަތުރުކުރަން ނިންމާފައިވާ ޗައިނާގެ ރައްޔިތުން، ރާއްޖޭގެ ހާލަތު ރަނގަޅުވުމާއި ހަމައަށް ރާއްޖެއަށް ދަތުރު ނުކުރުމަށް ޗައިނާއިން ގޮވާލަމެވެ" ޗައިނާގެ އެޑްވައިޒަރީގައި ވެއެވެ.
ގެންގް ވިދާޅުވީ، ރާއްޖޭގައި އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް މަޝްވަރާގެ މަތިވެރި އުސޫލު އިސްކުރުމަށް ޗައިނާއިން ފުރިހަމައަށް ތާޢީދުކުރާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމަށް ވަޑައިގަތީއްސުރެ، އެމަނިކުފާނުގެ ސަރުކާރުން ދަނީ ޗައިނާ އާއި ގުޅުން ބަދަހިކޮށް، އެ ޤައުމާއިއެކު އެކި ކަހަލަ އެއްބަސްވުންތައް ޤާއިމް ކުރަމުންނެވެ.