ރައީސް އަބްދުﷲ ޔާމީނަށް ޕްރެޝަރު ބޮޑުވެ، އެންމެ ފަހުން ފުލުހުން މެދުވެރިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްސަލައެއް ތަހްގީގުކުރަން ފަށައިފި އެވެ.
ތަހްގީގުކުރަމުން ދަނީ ރައީސް މައުމޫނުގެ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ނަމަވެސް ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ބްލެކްމެއިލް ކުރަން އުޅުނު ކަމަށް ތުހްމަތުކޮށް ޒައިދުލް އަމީން ހައްޔަރުކޮށް ބެލި މައްސަލައާ ގުޅިގެން މައުމޫނާ ވެސް ސުވާލުކުރަން ޖެހޭ ކަމަށް ޕީޕީއެމްއިން ވަނީ ގޮވާލައިފަ އެވެ.
ޕީޕީއެމްއިން މިގޮތަށް ގޮވާލާފައި ވަނިކޮށް، ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ސުވާލު ކުރުމަށް އެމަނިކުފާނުގެ ގެކޮޅަށް ފުލުހުން ދިއުމުން މިވަގުތު ބަދަލު ކުރެވެން ނެތް ކަމަށާއި ފަހުން ގުޅުއްވާނެކަމަށް ވިދާޅުވެ ފުލުހުންގެ މައުލޫމާތު ހޯއްދެވިކަމަށެވެ.
ރައީސް މައުމޫން ދިރިއުޅުއްވަނީ މ.އެންދެރިމާގޭގައެވެ.
Fuluhun thahgeegu kuramundha massala akai gulhigen kureege raees @maumoonagayoom aa suvaalu kurumah gekolhah fuluhun dhiumun mivaguthu bahdhalu kureven nei kamashai fahun gulhuhvaane kamah vidhaalhuve fuluhunge mauloomaathu hoahddhevieve.
— Maldives Police (@PoliceMv) February 5, 2018
ރައީސް މައުމޫން ހޯމަދުވަހުގެ ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަޅި ހިފައިގެން ތިބި ބަޔަކު އެމަނިކުފާނު ގެކޮޅު ކައިރިއަށް އެކި ފަހަރު މަތިން ގޮސް ހުތުރު އެއްޗެހި ގޮވައި އަޑުގަދަކޮށްފައިވާ ކަމަށެވެ. އެއީ ކޮން ބަޔަކު ކުރި ކަމެއްތޯ ބަލައި ފިޔަވަޅު އަޅަން އެމަނިކުފާނުވަނީ ސިފައިންނާއި ފުލުހުންނަށް ގޮވާލައްވައިފަ އެވެ. ނަމަވެސް މި މައްސަލަ ތަހްގީގުކުރާ ކަމަށް ފުލުހުން ހާމައެއް ނުކުރެ އެވެ.
ރައީސް މައުމޫނުގެ ދަރިކަލުން ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ 11:30 ގައި ރައީސް މައުމޫން ފުލުހުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.
Balamundhaa massala akaai gulhigen @PoliceMv in @maumoonagayoom aai badhdhalu kuravvan edhilevvumaai gulhigen maadhama hendhunu 11:30 gai badhdhalu kuravvaane kamah Raees Maumoon ebey fulhunnah dhannavaifi.
— Yumna Maumoon (@yumna_maumoon) February 5, 2018