މޯލްޑިވްސް ޕޮލިސް ސާވިސް ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ނަވާޒާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމާއި ސިފައިންގެ ބައެއް ޖެނެރަލުން ހައްޔަރުކުރަން، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ގޮވާލައްވައިފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ޖުމްލަ ނުވަ ބޭފުޅަކު މިނިވަން ކުރުމަށް ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒުނުކުރާތީ އެކަމަށް ފާޑުވިދާޅުވެ މެމްބަރު ވަހީދު ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.
ވަހީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކޮށް މަޑުނުކުރެވޭނެކަން މުއައްސަސާތަކުގެ ވެރިންނަށް އެނގެން ޖެހޭނެ ކަމަށާއި ހާއްސަކޮށް ފުލުހުންނާއި ސިފައިންނަށް އެކަން އެނގެންޖެހޭނެ ކަމަށެވެ. ނަވާޒު ނުވަތަ ޖެނެރަލް ޝިޔާމް އަންގަވައިގެން ވިޔަސް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރުމަށް އަންގާ އެންގުމަކީ ބާތިލް އެންގުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންމެ މީހަކު ބުނެގެން ވިޔަސް ކޯޓު އަމުރު ތަންފީޒު ނުކުރާ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އެކަމުގެ ޒިންމާ ފަރުދީ ގޮތުން ނަގަންޖެހޭނެ ކަމަށާއި، އެ ޒިންމާ ނަގަންޖެހޭ ހާލަތު އައުމުން "ހޯހޯއޭ ބުނެ ނުދެވޭނެ" ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ އަމުރުން މިނިވަން ކުރަން ބުނެފައިވާ ސިޔާސީ ބޭފުޅުން މިނިވަން ނުކޮށް ބެހެއްޓުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ވުރެ ވަގުތުން ވަގުތަށް ރައީސް ޔާމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރުން މާ އައުލާކަން ބޮޑު ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުނުކުރެވޭނެ ކަމަށާއި އެ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަން ބާތިލުކޮށް ދިނުމަށް އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް މިއަދު ތިން މައްސަލައެއް ވަނީ ހުށަހަޅުއްވާފައެވެ.