މިއަދު މި ގައުމު ހިންގަމުންދަނީ ގާނޫނު އަސާސީގެ މައްޗަށް ނޫން ކަމަށާއި ގައުމު މިއަދު ހިންގަމުންދަނީ "ޔާމީން އަސާސީއެއްގެ" މައްޗަށް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓަށް އެއްވެ ތިބެ ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވީ، މިއަދުގެ ރައީސް އަބްދުﷲ ޔާމީން ހުރިހާ ބާރުތަކެއް ނަގައިގެން ވެރިކަން ކުރަމުން ދާއިރު ގިނަ ބަޔަކަށް އަނިޔާކުރަމުންދާ ކަމަށެވެ. މިއީ ރައްޔިތުންނަށް ބަލަން ފަސޭހަ މަންޒަރެއް ނޫން ކަމަށާއި މިގޮތަށް ތާއަބަދު ދެމި ނުތިބެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުން މަގު މައްޗަށް ނުކުންނާނެ. މަގު މައްޗަށް ނިކުމެ މިވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކޮށްދޭށޭ," އަބްދުﷲ އަހުމަދު ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ، މިގައުމުގައި ގާނޫނީ ސަރުކާރެއް ނެތް ކަަމަށާއި މި ސަރުކާރު ވަނީ ގާނޫނާ ހިލާފަށް ކަންކަން ކޮށް ހަމަ މަގުން ނެއްޓިފައި ކަަމަށެވެ. ރައީސް ޔާމީންގެ ވެރިކަމަކީ ގާނޫނީ ވެރިއެއް ނޫން ކަމަށް އަބްދުﷲ ވިދާޅުވިއެވެ.