ރޭ ދަންވަރު ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެ ސަހައްދުގައި ވަޅި ހިފައިގެން އަޑިހުތުރު ބަހުން ހަޅޭލެއްވި ފަރާތްތައް ހޯދާ އެ މައްސަލަ ބެލުމަށް ފުލުހުންނާއި އެމްއެންޑީއެފަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.
ކުރީގެ ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓްގައި ވަނީ ރޭ ދަންވަރު ވަޅި ހިފައިގެން ގްރޫޕަކުން އެންދެރިމާގެ ސަރަހައްދުގައި ދުއްވި ކަމަށާއި އެފަރާތްތަކުން ހަޑި ހުތުރު ބަހުން ހަޅޭ ލަވަމުން ދިޔަ ކަމަށެވެ. މިފަދަ ބަޔަކު ފޮނުވީ ކާކުތޯ ޓްވީޓްގައި ވަނީ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން މިކަން ފުލުހުންނާއި އެމްއެންޑީއެފް އިން ބަލަން ޖެހޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
A band of thugs armed with knives drove by my residence several times after midnight last night shouting abuse at the top of their voice. I wonder who would have sent these unruly thugs? @PoliceMv and @MNDF_Official must investigate and take action
— Maumoon Abdul Gayoom (@maumoonagayoom) February 5, 2018
ރައީސް މައުމޫން މިފަދަ ގޮތަކަށް ޓްވީތް ކުރައްވާފައިވާ އިރު މި ދުވަސްވަރަކީ ސުޕްރީމް ކޯޓުގެ އަމުރަކާ ގުޅިގެން ގައުމުގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދުވަސްވަރެކެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އާއި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން އާއި ގާޒީ އަހްމަދު ނިހާނުގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމަށެވެ.
މީގެ އިތުރުން މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު އަމުރުގައި ވަނީ ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ދިވެހި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށާއި ދައުލަތުގެ ކަމާ ބެހޭ އެންމެހާ މުއައްސަސާތަކާއި ފަރާތްތަކުގެ މައްޗަށް އަމުރުކޮށް، މިއަމުރާ ޚިލާފަށް އެއްވެސް މިންވަރަކަށް ޢަމަލުކޮށްފި ނަމަ ނުވަތަ ހުރަސް އަޅައިފި ނަމަ، ނުވަތަ ފަރުވާ ކުޑަ ކޮށްފި ނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަކަށް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް އަންގާ ކަމަށެވެ.