ރައްޔިތުންގެ މަޖިލީހުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، މަޖިލީހުގެ މުވައްޒަފުން ބަލައިފާސްކޮށްގެން މަޖިލީހުގެ އިދާރާއަށް ވައްދަން ފަށައިފިއެވެ.
މަޖިލީހުގެ މެމްބަރުން މިއަދު ހެނދުނު މަޖިލިސްކުރާ ގެއަށް ވަޑައިގަތުމުން، އެ މެމްބަރުން މަޖިލިސް ކުރާ ގެއަށް ވެއްދުމަށް ސިފައިން ވަނީ ދެކޮޅު ހަދާފައެވެ. ތަކުރާރުކޮށް މެމްބަރުން އެދުމުން ވެސް، ސިފައިން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.
މެމްބަރުން މަޖިލީހަށް ވެއްދުމަށް ސިފައިން ދެކޮޅު ހަދާފައިވާއިރު، މަޖިލީހުގެ މުވައްޒަފުން މަޖިލީހުގެ އިދާރާއަށް ވައްދަނީ ބަލައިފާސްކޮށްގެންނެވެ. މުވައްޒަފުން ބަލައިފާސްކުރުމަށް މެޓަލްޓިޓެކްޓާ ބަހައްޓާފައިވާއިރު، މުވައްޒަފުން ވަދެނުކުތުމަށް ވެސް ވަނީ ދައްޗާ ކުރިމަތިވެފައެވެ.
ރައްުޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާ ހޯމަ ދުވަހު ބާއްވަން ނިންމާފައި ވަނިކޮށް، މުއްދަތެއް ނެތް ގޮތަށް މަޖިލިސް ވަނީ ފަސްކޮށްފައެވެ. އެކަމާ ގުޅިގެން އިދިކޮޅު މަޖިލިސް މެމްބަރުން ވިދާޅުވެފައި ވަނީ ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން މަޖިލީހުގައި މަރުތަޅު އަޅުވާފައިވާ ކަމަށެވެ.
ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ގޮނޑީގެ ސައްހަކަން ކަށަވަރުވެގެން ދިއުމުން، މަޖިލީހުގެ ސުޕަ މެޖޯރިޓީ ގުޅިފައިވާ ޕާޓީތަކަށް ވަނީ ލިބިފައެވެ.