ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
މެމްބަރު އިލްހާމު ދޫކޮށްލާފައި ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުންނެވެ.
އިލްހާމު ހައްޔަރުކޮށްފައި ވަނީ އާދިއްތަ ދުވަހު ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ވަޑައިގެންނެވި ތަނުން ފުލުހުންނެވެ. އިލްހާމާ އެކު ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު ވެސް ހައްޔަރު ކޮށްފައި ވެއެވެ. މީގެ ކުރިން ސިނާން ވެސް ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ބުނެފައި ވަނީ ސިނާނާއި އިލްހާމް އިއްޔެ މެންދުރު ރާއްޖެ ވަޑައިގެންނެވި ވަގުތު އެއާޕޯޓުން ހައްޔަރު ކުރީ ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވުމަށް ފަހު ރާއްޖެއިން ބޭރަށް ވަޑައިގެން ސިނާނާއި އިލްހާމް ހޯދަން ފުލުހުން މީގެ ކުރިން ވަނީ އިއުލާން ވެސް ކޮށްފައެވެ.
އިލްހާމު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުން ނޫން ގޮތެއް ތަންފީޒީ އިދާރާތަކަށް ނޯންނާނެ ކަމަށެވެ.
އެ ދެ ބޭފުޅުން ވެސް ހައްޔަރުކުރީ އެ ބޭފުޅުން ހައްޔަރުކުރުމަށް ކުރިން ނެރުނު އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށްފައި ވަނިކޮށެވެ.