އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ހުށައެޅުއްވި ހުށައެޅުއްވުން ގަބޫލު ކުރެއްވެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަމުގެ ޚަބަރު ރާއްޖެ އެމްވީއަށް ލބިއްޖެއެވެ.
ރާއްޖެ އެމްވީއަށް ކަށަވަރު ވެފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރެއްވުމަށް ރައީސް ޔާމީން ބޭނުންފުޅުވީ މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން އަމުރު ކުރެއްވި އަމުރާއި ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ރާއްޖެ ހަލަބޮލިވެފައިވާއިރު ސަރުކާރުން ބުނަމުން ދަނީ އެ އަމުރު ތަންފީޒު ކުރެވެން ނެތް ކަމަށެވެ. ރައީސް ޔާމީން ވަނީ މިއަދު އުއްތަމަ ފަނޑިޔާރަށް ތިން ސިޓީއެއް ފޮނުއްވާފައެވެ.
ރައީސް އަބްދުﷲ ޔާމީން އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ތިން ސިޓީއާ ގުޅިގެން ދައުލަތުގެ މީޑިއާ ޓީވީއެމް މެދުވެރިކުރައްވައި އާޒިމާ ދެއްވި ބަޔާނުގައި ވަނީ އެ ތިން ސިޓީ ހިއްސާކުރައްވާފައެވެ. ފުރަތަމަ ސިޓީގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ޖުޑިޝަލް ސާވިސް ކަމިޝަނަށް (ޖޭއެސްސީއަށް) ފަނޑިޔާރުންގެ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅާފައި އޮތް ބައި އިސްލާހު ކުރުމަށެވެ. ދެވަނަ ސިޓީގައި އެދިވަޑައިގެންފައި ވަނީ ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ސިޔާސީ ކުށްވެރިން ވަގުތުން ދޫކޮށްލުމަށް ކޮށްފައިވާ އަމުރު ބާތިލު ކުރުމަށް ސުޕްރީމްކޯޓަށް ފޮނުވާފައިވާ ސިޓީއެވެ.
ތިންވަނަ ސިޓީގައި އެދިވަޑައިގެންފައިވަނީ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރު ކުރަން ނެރުނު އަމުރު ބާތިލު ކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލު ކުރުމަށެވެ.