ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީއަށް އިދިކޮޅު މަޖިލިސް މެމްބަރުން އެދިވަޑައިގެންފިއެވެ.
މިކަމަށް އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މިކަމަށް އެދިފައި ވަނީ އާދިއްތަ ދުވަހު އެބޭފުޅުން މަޖިލީހަށް ވަދެވަޑައިގަތުމަށް ފަހުއެވެ. ސިފައިން މަޖިލިސް ވަށައިގެންނާއި މަޖިލީހުގެ ގޯތިތެރޭގައި ރަޔަޓް ގިއަރުގައި ޙަރަކާތްތެރިވަމުން މަޖިލިސް ބައެއް މެމްބަރުން މަޖިލީހަށް ވަދެވަޑައިގައިގެންފައިވާއިރު، މިއީ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް އިން ކަނޑައަޅާފައިވާނިކޮށް، 6 މަސް ފަހުން އެބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އެބޭފުޅުން މަޖިލީހަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީގެ ތެރެއިން ބައެއް މެމްބަރުންގެ މައްޗަށް މެމްބަރުކަން ގެއްލިފައިވަނިކޮށް މަޖިލީހަށް ވަދެވަޑައިގެންފައި ވާތީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް އުފުލިއެވެ.
އިދިކޮޅު މެމްބަރުން ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލާފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ސަރުކާރަށް ބާރު އެޅުމަށާއި، ރާއްޖޭގެ އިންސާނީ ހައްޤުތައް ހިމާޔަތްކޮށް، ޑިމޮކްރަސީ އާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އަޅަން ޖެހޭ ޤާނޫނީ، އިޤްތިޞާދީ އަދި ޑިޕްލޮމެޓިކް އެންމެހާ ފިޔަވަޅުތަކެއް އަޅުއްވައިދެއްވުމަށެވެ. އަދި މީގެ އިތުރުން ދާޚިލީ އަދި ބައިނަލްއަޤްވާމީ ޤާނޫންތަކާއި ޚިލާފުވަމުންދާ ސަރުކާރުގެ އިސް އޮފިޝަލުން ޒިންމާދާރުކޮށްދިނުމަށް ވެސް މެމްބަރުން އެދިފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ރައްޔިތުންގެ އަތްމައްޗަށް ވެރިކަމުގެ ބާރުތައް ގެނައުމަށާއި، ޑިމޮކްރަސީ އަށަގެންނެވުމަށް ވެސް ބޭރުގެ އެހީއަށް އެދިފައިވެއެވެ.
ބޭރުގެ އެހީއަށް އެދި އިދިކޮޅު މެމްބަރުން ގޮވާލެއްވި ގޮވާލެއްވުން އަމާޒުކުރައްވާފައި ވަނީ އިންޑިއާ، ސްރީލަންކާ، އެމެރިކާ، އިނގިރޭސިވިލާތް، ވިލާތުގެ އިއްތިޙާދުގެ މެމްބަރު ޤައުމުތަކުގެ އިތުރުން ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި ރާއްޖޭގެ އެންމެހާ އެކުވެރިންނަށެވެ.
މިކަމާ ގުޅޭ ގޮތުން ތައްޔާރުކުރި ލިޔުމުގައި ސޮއިކުރައްވާފައި ވަނީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދާލަތު ޕާޓީ، ޕީޕީއެމް އަދި އަމިއްލަ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 37 މެމްބަރެކެވެ. މަޖިލިސް ބައެއް މެމްބަރުން ފުލުހުންގެ ބަންދުގައި ތިއްބެވުމާއި އަދި ބައެއް މެމްބަރުން ޤައުމުން ބޭރުގައި ތިއްބެވުމުން އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެމްބަރުންގެ ސޮއި މި ލިޔުމުގައެއް ނެތެވެ.
މި ލިޔުމުގައި ސުޕްރީމް ކޯޓުގެ އަމުރު ނެރެފައިވާއިރު، އެއަމުރަށް ނުކިޔަމަންތެރިވެ ސަރުކާރުން ކުރަމުންދާ ބައެއް ކަންކަން ފާހަގަކޮށްފައި ވެއެވެ. އިދިކޮޅު މެމްބަރުން ފާހަގަކުރައްވާފައިވާ ބައެއް ކަންކަމަކީ
- ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަންތެރިވުމަށް ސަރުކާރުން ދެކޮޅު ހެދުން
- ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމަށް ބަންޑާރަ ނައިބު
- އޯޑަރު ނަންގަވާނީ ބަންޑާރަ ނައިބުގެ ކިބައިން ކަމަށާއި، ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝިޔާމް ވިދާޅުވުން
- އަމުރު ތަންފީޒުކުރުމަށް ގޮވާލާ ސުލްހަވެރިކަމާ އެކު އިހްތިޖާޖްކުރާ ފަރާތްތަކާ ދެކޮޅަށް ސަލާމަތީ ޚިދުމަތްތަކުން ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުން
- ކޯޓު އަމުރު ތަންފީޒުކުރަން މަސައްކަތްކުރި ފުލުހުންގެ ދެ ކޮމިޝަނަރުން މަޤާމުން ވަކިކުރުން
- މަޖިލީހުގެ ޖަލްސާތައް ފެއްޓުމަށް މަޖިލީހުގެ ރައީސް ދެކޮޅު ހެއްދެވުން
- އިދިކޮޅު މެމްބަރުންނާ ދެކޮޅަށް ސަރުކާރުން ފިޔަވަޅުތައް އަޅައި، މަޖިލީހުގެ 2 މެމްބަރަކު ހައްޔަރުކުރުން
- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެރިޔާއަށް ބިރު ދެއްކުމަށް ސަރުކާރުން މަސައްކަތްކުރުން
އިދިކޮޅު ފަރާތްތަކުން، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ބޭރުގެ އެހީއަށް އެދިފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ކޯޓު އަމުރު ތަންފީޒުކުރުމަށް އިންޑިއާގެ އެހީއަށް އެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.