ބަންޑާރަނައިބު މުހައްމަދު އަނިލްގެ މަސައްކަތަށް ވާގިދޭން ސަލާމަތީ ބާރުތަކުންނާއި ފުލުހުން ކުރައްވާ ކޮންމެ ކަމަކީ ޣައިރު ޤާނޫނީ ކަމެއްކަމަށް ބަންޑާރަނައިބު ކަން ކުރައްވާފައިވާ އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެއެވެ.
ސަވާދު ހޯމަދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމްކޯޓުގެ އަމުރު ތަންފީޒު ކުރަން ލަސްކުރަން ނުވަތަ ނުކުރަން ބަންޑާރަނައިބު ދައްކަވަނީ ޣައިރު ޤާނޫނީ ވާހަކައެއްކަމަށެވެ. އަދި ހަމަ އެހެންމެ ބަންޑާރަނައިބު އަނިލްގެ މަސައްކަތަށް ވާގިދޭން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރައްވާ ކޮންމެ ކަމަކީ ޣައިރު ޤާނޫނީ ކަމެއްކަމަށް ސަވާދު ވިދާޅުވިއެވެ. މީގެ އިތުރުން ސަވާދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސުޕްރީމްކޯޓުން ކުރި ހުކުމް ތަންފީޒުކުރާތާ ތިންދުވަސް ވެއްޖެކަމަށާއި އެހުކުމް ތަންފީޒު ކުރަން ކުރެއްވި ކަމެއް ނެތްކަމަށެވެ. އަދި ހަމައެހެންމެ ޤާނޫނާއި ޚިލާފުވާޏް ހުއްޖަތެއް ނެތް ކަމަށް ސަވާދުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ސުޕްރީމްކޯޓުން ނެރުނު ހުކުމްގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އާއި ، އަދާލަތުޕާޓީގެ ރައީސް ޝެއިޚް އިމްރާނާއި،ކުރީގެ ނައިބު ރައިސް އަހުމަދު އަދީބާއި، މުހްތާޒު މުހުސިންއާއި ޖުމްހޫރީޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއާއި ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންއާއި ،އަހުމަދު ނިހާންގެ އިތުރުން ހާމިދު އިސްމާއިލް ވަގުތުން ދޫކޮށްލުމަށެވެ.
މީގެ އިތުރުން ވެސް ސުޕްރީމްކޯޓުގެ ހުކުމްގައި ވަނީ އިލެކްޝަންސް ކޮމިޝަނުން ގޮނޑިގެއްލިފައިވާ ކަމަށް ބުނެފައިވާ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް ކަނޑައަޅާފައެވެ.