ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން، ބަންދުގައި ބަހައްޓާފައި ހުރި ހުރުން ބާޠިލްކޮށް، ފާރިސް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރީއްސުރެ، ފާރިސް ޖަލު ގޮޅިއަށް ވަދެވަޑައިގަންނަވަން ދެކޮޅުހައްދަވައި، ގޮޅިއަށް ނުވަންނަވާކަން ރާއްޖެއެމްވީއަށް ކަށަވަރު ވެއްޖެއެވެ.
މި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ވަނީ، ފާރިސް އާއި ބައެއް އެހެން ސިޔާސީ ފަރާތްތައް ހައްޔަރުކޮށް، ހައްޔަރުގައި ބައިތިއްބަމުންދަނީ، ސިޔާސީ އެކިއެކި ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގާފައިވާ ޖިނާއީ ތަޙުޤީޤުތަކުގެ މައްޗަށް ބިނާކޮށް ދަޢުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ޤާނޫނީ އިޖުރާއާތުތަކާ ޚިލާފަށް ކަމަށެވެ.
ރާއްޖެއެމްވީއަށް ކަށަވަރުވެފައިވާ ގޮތުގައި މި ޙުކުމް ނެރުނު ވަގުތުން ފެށިގެން ފާރިސް އަކީ މިނިވަނެއް ކަމަށްވިދާޅުވެ، ފާރިސް ވަނީ އެބޭފުޅާއަށް އައްޔަންކޮށްފައިވާ ގޮޅިއަށް ވަދެވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ. އަދި އޭރުއްސުރެ ފާރިސް ގިނަ ވަގުތު ހޭދަކުރައްވަނީ ދޫނިދޫގައި ހުންނަ މިސްކިތުގައި ކަމަށާއި، ފާރިސްއަށް ފުލުހުންގެ ފަރާތުންވެސް އުނދަގުލެއް ކުރިމަތި ނުވާކަމަށްވެއެވެ. އެގޮތުން ފާރިސް އަނބުރާ ގޮޅިއަށް ވެންނެވުމަށް އެ ފުލުހުން ބާރު ނާޅުއްވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މީގެ އިތުރުން، ފާރިސް ގޮޅިއަށް ވެއްދުމަށް އިތުރު ކޯޓު އަމުރެއް ބޭނުންވާނެ ކަމަށާއި، ކޯޓު އަމުރަކާއި ނުލައި، ފުލުހުންނަށް ފާރިސްއަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް ފާރިސް ވިދާޅުވެފައިވާ ކަމަށްވެސް ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފައެވެ.
ފާރިސް އާއި ގާތް ބޭފުޅަކު ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ޙުކުމަށް ދޫނިދޫގައި ތިއްބެވި ފުލުހުން އިޚުތިރާމް ކުރައްވާ ކަމަށާއި، ދޫނިދޫގައި ހަރަކާތްތެރިވާ ފުލުހުން ފާރިސް އާއި މެދު އަމަލުކުރަމުންދަނީ ވަރަށް ހިތްހެޔޮކޮށް ކަމަށެވެ. ނަމަވެސް މި ކަންކަން މީޑިއާއަށް ހާމަވުމުން، "މަތިން އަމުރުކޮށްގެން ޤާނޫނާއި ޚިލާފަށް، ގަދަބާރުން" ފާރިސް އަނބުރާ ގޮޅިއަކަށް ވެއްދުމަކީ އެކަށީގެންވާ ކަމެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.