ޝަރުއީ ކޯޓުތަކުން ނެރޭ ޑޮކިއުމެންޓްތައް ފޯޖް ކުރުމަކީ ކުށުގެ ގޮތުގައި ބެލެނޭ ކަންކަން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ޑީޖޭއޭގެ ސްޕޯކްސް ޕާސަން ފައިސަލް އާދަމް ވިދާޅުވީ ޑޮކިއުމެންޓެއް ފޯޖް ކުރުން ނުވަތަ އެއާއި އެއާއިއެއްގޮތަށް ޑޮކިއުމެންޓެއް ތައްޔާރުކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. ފައިސަލް ވިދާޅުވީ އެބޭފުޅުންގެ ޑޮކިއުމެންޓެއްނަމަ ސުޕްރީމް ކޯޓުގެ ވެބްސައިޓް އަދި ޖުޑީޝިއަރީގެ ވެބްސައިޓާއި އެބޭފުޅުންގެ ޓްވިޓާ އެކައުންޓް ބައްލަވާލެއްވުމުން ފެންނާނެ ކަމަށެވެ.
ހަމައެހެންމެ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމުގައި އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އަމަލުކުރެއްވުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދުގެ ދަށުން މިފަދަ ކަންކަމަކީ ކުށުގެ ގޮތުގައި ބެލިގެންދާނެ ކަންކަން ކަމަށެވެ.
ޑީޖޭއޭއިން މިފަދައިން ވިދާޅުވެފައިވާއިރު ޖުޑީޝިއަރީ އެމްވީގެ ނަމުގައި ހަދާފައިވާ ފޭކް ޓްވިޓާ އެކައުންޓަކުން ވަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލް ހައްޔަރުކުރުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާ ކަމަށްބުނެ އަސްލު ނޫން އަމުރެއް އާންމުކޮށްފައެވެ. ގިނަ ބަޔަކު މިއީ އަސްލު އަމުރެއްގެ ގޮތުގައި ބަލައިގަތްއިރު ޑީޖޭއޭއިން ވަނީ މިއީ އަސްލު އަމުރެއް ނޫންކަން ކަށަވަރުކޮށްދެއްވާފައެވެ.
ފައިސަލް ވަނީ މިފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުކުރެއްވުމަށާއި އާންމުންވެސް މިކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.