ރިޝްވަތުގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދިޔަ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން ހިމެނޭ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓާ ފުލުހުން ހަވާލުކޮށްފިއެވެ.
ރާއްޖެއެމްވިއަށް އެނގިފައިވާ ގޮތުގައި ހަސަން ސައީދުގެ މައްޗަށް ތުހުމަތުކޮށް، ފުލުހުން ތަހުގީގު ފެށި ރިޝްވަތުގެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ފޮނުވީ އާދީއްތަ ދުވަހުގެ ރޭއެވެ. އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓާ ހަވާލު ކުރީ ހަސަން ސައީދު ހައްޔަރު ކުރުމަށް ނެރުނު އަމުރު ބާތިލުކޮށް، ނެރުނު އަމުރުގައި އެ ފައިލް ސުޕްރީމް ކޯޓަށް ފޮނުވުމަށް އަމުރުކޮށްފައިވަނިކޮށެވެ.
އާދީއްތަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ރާއްޖޭގެ އަދުލް އިންސާފު ގާއިމްކުރުމުގެ އެންމެ އިސް އިދާރީ މުވައްޒަފު ހައްޔަރު ކުރުމުގެ އަމުރު ތަންފީޒު ކުރަމުން ދަނީ ހަމަޖެހިފައިވާ ގާނޫނީ އިޖްރާއަތާ ޚިލާފަށް ކަމަށެވެ. އަދި އެކަން ކުރަނީ އަދުލް އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމަށް މަގުފަހިވާ ގޮތަށް ކަމަށް އެނގެން އޮންނާތީ ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލް ކުރީ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.
"އެ އަމުރާ ގުޅޭ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުނީއްސުރެ އެ ކޯޓުން އެ މައްސަލައާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެނގޭ ގޮތަށް މައްސަލައިގެ ފައިލްގައި ހިމެނޭ އެންމެހައި ލިޔުންތަކާއެކު މައްސަލައިގެ ފައިލް 4 ފެބްރުވަރީ 2018ގެ 19:00ގެ ކުރިން މިޚޯތަށް ފޮނުވުމަށް ކްރިމިނަލް ކޯތަށް އަންގާ އަމުރު ކުރަމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.
އާދީއްތަ ދުވަހު ފުލުހުން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ހަސަން ސައީދު ހޯދަމުން ދަނީ މާލޭގައި އިމާރާތް ކޮށްފައިވާ ކޮމާޝަލް ހައުސިން އެޕާޓްމެންޓް ޕްރޮޖެކްޓެއްގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ދާދި ފަހުން ކޮށްފައިވާ މުއާމަލާތެއްގައި ހިމެނޭ ގޮތަށް ރިޝްވަތުގެ މުއާމަލާތްތަކެއްގައި ބައިވެރިވެފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވާތީ އެވެ.