ފުލުހުންގެ ތެރޭގައި އޮތް ބަދަހިކަން ދައްކާލުމަށް، ފުލުހުންގެ އިސް އޮފިސަރުންނާއި ފުލުހުންގެ ޑިޕާޓްމަންޓުތަކުގެ އިސް ފުލުހުންނާއެކު ފޮޓޯއެއް ނަގައި އާންމުކޮށްފި އެވެ.
ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓް ފޮޓޯއަކާ އެކު އާދިއްތަ ދުވަހުގެ ރޭ ދަންވަރު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ އަމާންކަމާއި މަސްލަހަތު ހިމާޔަތް ކުރުމަށް ފުލުހުންގެ ސަފުތައް ވަނީ ހިތްވަރާއެކު ރުކުރުވާލެވިފައިވާ ކަމަށެވެ.
Dhivehi qaumuge amaankama maslahathu himaayai kurumah, Fuluhunge safuthahvany hiyvaraaeku rukuruvaalevifai. pic.twitter.com/Ch5NyBYcqS
— Maldives Police (@PoliceMv) February 4, 2018
ފުލުހުންގެ ބަދަހިކަން ދައްކާލުމަށް ފޮޓޯއެއް އާންމުކޮށްފައި ވަނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު އަރީފު މަގާމުން ވަކިކުރެއްވުމަށްފަހު، ފުލުހުންގެ މުއައްސަސާ ހިންގެވުމަށް ހަވާލު ކުރެއްވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ ވެސް މަގާމުން ވަކިކޮށްފައިވަނިކޮށެވެ.
ރައީސް އަބްދުﷲ ޔާމީން އެ ބޭފުޅުން މަގާމުން ވަކިކުރި ސަބަބެއް ވިދާޅުވެފައެއް ނުވެއެވެ.
ފުލުހުން އާންމު ކުރި ފޮޓޯއިން ފެންނަ ގޮތުން، ފުލުހުންގެ އިސް އޮފިސަރުންނާއެކު މެދުގައި ހުއްޓިލައިގެން ހުރީ ފުލުހުންގެ މުއައްސަސާ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކަމިޝަނަރ އަބްދުﷲ ނަވާޒެވެ. އޭނާގެ ކައިރީގައި ދެން ފެންނަން ތިބީ ފުލުހންގެ އެކި ޑިޕާޓްމަންޓުތަކުގެ އިސް ބޭފުޅުންނެވެ.
ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރައި، ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް އެ މުއައްސަސާގެ މެނޭޖުމަންޓަށް ބަދަލުތަކެއް ގެންނަމުންދާއިރު، އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ފުލުހުންގެ އިސް ބޭފުޅުންނާ ތަޖުރިބާ ލިބިފައިވާ އޮފިސަރުން ވަނީ މަގާމުން ވަކިކޮށްފައެވެ.