ޕީޕީއެމް ރައީސް މައުމޫންގެ ފެކްޝަންގެ ނާއިބު ރައީސް އައިމިނަތު ނާދިރާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ނާދިރާ ދޫކޮށްލަން ކުރިމިނަލް ކޯޓުން އާދިއްތަ ދުވަހުގެ ހަވީރު އަމުރު ކުރީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދޭން އެދުމުންނެވެ. ކްރިމިނަލް ކޯޓުން އެގޮތަށް އަމުރުކުރީ ހައްޔަރު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެއެވެ.
ނާދިރާ ރޭ ހައްޔަރުކޮށްފައި ވަނީ، އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިނެވެ. އޭނާ އަށް ފުލުހުން ކުރި ތުހުމަތަކީ އަންހެން ފުލުހަކަށް އަނިޔާކުރި ކަމުގެ ތުހުމަތެވެ. އެހެން ނަމަވެސް، ގާޒީ ވަނީ ނާދިރާ ހައްޔަރު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ ނިންމަވާފައެވެ.
ނާދިރާގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކޯޓުގައި ވަކާލާތު ކުރެއްވި ނާޒިމް ސައްތާރު ވިދާޅުވީ ފުލުހަކަށް އަނިޔާކުރި ކަމަށް ބުނާއިރު އެ ފުލުސް މީހާ ޑޮކްޓަރަށް ދައްކައި ފަރުވާ ދީފައިވާކަން ސާބިތުކޮށް ނުދެވުނު ކަމަށެވެ. އަދި އެ ފުލުސް މީހާއަށް އަނިޔާއެއްވިކަން ސާބިތުކޮށްނުދެވުނު ކަމަށެވެ.
ނާދިރާ ހައްޔަރު ކުރީ އިދިކޮޅު ފަރާތްތަކުން ކުރި މުޒަހަރާގެ ތެރެއިން ހޮނިހިރުދުވަހުގެ ރޭ ދަންވަރު 2:00 ގަ އެވެ.
ނާދިރާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރީ އާދިއްތަ ދުވަހުގެ މެންދުރު ފަހު 14:40 ހާއިރެވެ. އަދި އޭނާގެ ބަންދުގެ މަޖިލިސް ނިންމުމަށް ފަހު ކޯޓުން ނެރުއްވީ 18:00 ހާއިރެވެ.