ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އެންމެ އިސް މަގާމުގައި ހުންނެވި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހުސެއިން ހައްޔަރުކުރަން ނެރުނު އަމުރު ބާތިލްކޮށްފިއެވެ.
ރިޝްވަތުގެ ތުހްމަތެއްގައި ހަސަން ސައީދު ހައްޔަރު ކުރުމަށް އަމުރެއް ނެރެ ތަންފީޒް ކުރަމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެ ފުލުހުން ނެރުނު ނޫސްބަޔާނަކާ ގުޅިގެން ސުޕްރީމް ކޯޓުން މިރޭ ބުނެފައި ވަނީ އެ ބަޔާނަށް ބެލުމުން އަދުލު އިންސާފު ގާއިމު ކުރުމުގެ ދާއިރާގެ އެންމެ އިސް އިދާރީ މުވައްޒަފު ހައްޔަރު ކުރުމަށް މަސައްކަތް ކުރަނީ ހަމަޖެހިފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.
ހަމައެހެންމެ ހަސަން ސައީދު ހައްޔަރު ކުރުމަށް މަސައްކަތްކުރަނީ އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ބޭނުމުގައި ކަން އެނގޭ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އަދި އެ އަމުރާ ގުޅޭ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުނީއްސުރެ އެ ކޯޓުން އަޅާފައިވާ އެންމެހާ ފިޔަވަޅުތައް އެނގޭނެހެން މައްސަލައިގެ ފައިލް ފޮނުވައިދޭން ވެސް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން އާދިއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހޯދި ހޯދުމުން މާލޭގައި އިމާރާތް ކޮށްފައިވާ ކޮމާރޝަލް ހައުސިންގ އެޕާޓްމަންޓް ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ދާދި ފަހުން ހަސަން ސައީދު ހުސެއިން ކޮށްފައިވާ މުއާމަލާތެއްގެ ކިތާބީ ހެކި ހިމެނޭގޮތުން، ރިޝްވަތުގެ މުއާމަލާތެއްގައި ބައިވެރިވެފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން މި މައްސަލާގައި ބެލިބެލުމުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅުންވެސް ފްލެޓްތައް ބައްލަވައިގަތުމަށްޓަކައި މުއާމަލާތް ކުރެއްވި ކަމުގެ ހެކި ލިބިފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެ މައްސަލާގެ މައުލޫމާތު އިތުރަށް ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ މިއަދު ހެނދުނު ހަސަން ސައީދު ހުސެއިން ދިރުއުޅުއްވާ ގެ ހ. ނިޝާން ޕްލާޒާގެ ދޮރު ހަލާކުކޮށްލުމަށް ފަހު އެ ގެ ބަލާ ފާސްކޮށްފައެވެ.