ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އާއިޝަތު ބިޝާމާއި އެޓާނީ ޖެނަރަލް (އޭޖީ) މުހައްމަދު އަނިލްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއަދު ހެނދުނު މަޖިލީހުގެ އިދާރާ ކުރިމަތީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވީ އިތުރު ދެ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
އިބޫ ވިދާޅުވި ގޮތުގައި ޕީޖީ އާއި އޭޖީ ހިމެނޭ ގޮތަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ނިންމާފައި ވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދުގެ މައްޗަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑީގެ ސައްހަކަން ކަށަވަރުވެގެން ދިއުމުން، އެ މެމްބަރުންނާއެކު މަޖިލިސް ކުރިއަށް ގެންދިއުމަށް ވަނީ ފުރުސަތު ލިބިފައެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ހޯމަ ދުވަހު ބާއްވަން އޮތް ޖަލްސާ މުއްދަތެއް ނެތް ކަމަށް ފަސްކޮށްފައިވާއިރު، ގުޅިފައިވާ ޕާޓީތަކުން ބުނަމުންދަނީ ސަރުކާރުން ބޭނުންވަނީ މަޖިލީހުގައި "މަރުތަޅު" އެޅުވުމަށް ކަމަށެވެ.
މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެންމެ ފުރަތަމަ ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އެޖެންޑާކުރަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކަމަށެވެ.
ބާރަ މެމްބަރުންގެ ގޮނޑީގެ ސަައްހަކަން ކަށަވަރުވެގެން ދިއުމުން، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ވަނީ ލިބިފައެވެ.