ދައުލަތުގެ ދެ ބާރު ސަސްޕެންޑް ވެގެން ވެރިކަން ކުރުމަކީ ކުށެއް ކަމަށާއި އޭގެ ސަބަބުން މުޅި ސަރުކާރުގެ ސައްހަކަން ގެއްލިގެންދާ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ހުސްނުއް ސުއޫދު ލޯ ފާމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުނ ސުއޫދު ވިދާޅުވީ، ކޯޓުތަކުން ކުރާ އަމުރުތަކަކީ ތަބާވަން ލާޒިމް ކަމެއް ކަމަށާއި ހުކުމްތަކަށް ތަބާނުވާން ގޮވާލާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
އެހެން ނަމަވެސް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި މައްސަލަތަކެއް ހުރެއްޖެ ނަމަ، އަމުރުގައިވާ ގޮތަށް އަމަލުކުރުމަށް ފަހު ބަންޑާރަ ނައިބަށް ލަފާ ދެއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަމުރު ރައްދުވާ ކަމަށް ބެލެވެނީ ފުލުހުންނާއި ކަރެކްޝަނަލް ސަރވިސް އަށް. އެ އަމުރަށް އަމަލު ނުކޮށްފި ނަމަ ކުށްވެރި ވާނީ އެ އިދާރާތަކުގެ ވެރިން. އެއީކީ ރައީސުލްޖުމްހޫރިއްޔާ އާއި ސީދާ ބެހޭ ކަމެއް ނޫން. ނުވަތަ ބަންޑާރަނައިބާ ވެސް ބެހޭ ކަމެއް ނޫން. ނުވަތަ ޕީޖީ އާއި ވެސް ބެހޭ ކަމެއް ނޫން. އެއަމުރުގައިވަނީ ވީ އެންމެ އަވަހަކަށް ތަންފީޒު ކުރުމަށް. ވީ އެންމެ އަވަސްގެ މާނަ އަކީ އެންމެ ލަސްވެގެން ވެސް 24 ގަޑި އިރު," ހުސްނު ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރުގައި އުނި ކަންތައްތަކެއް އެބަ ހުރި ކަމަށާއި އެގޮތުން ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ބާރު ކަނޑުވާނުލެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ވެސް މި އަމުރަށް ކިޔަމަން ނުވަންވީ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.