މަޖިލީހުގެ ޖަލްސާ ބޭވުމަށް ނިންމައި ފަހުން ކެންސަލް ކުރުމަށް އިއުލާނުކޮށްފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އިސްތިއުފާ ދެއްވައިފިއެވެ.
މިކަން އަމީން އާންމު އަހުމަދު މުހައްމަދު ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.
އިސްތިއުފާދެއްވާފައި ވަނީ އަމިއްލަ ސަބަބަކާ ހުރެ ކަމަށް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
އަމީން އާންމު އިސްތިއުފާދެއްވާފައި ވަނީ އެ މަގާމުގައި 12 އަހަރާއި 6 ދުވަސް ވެފައިވަނިކޮށެވެ.
އަމީން އާންމު މަގާމުން އިސްތިއުފާ ދެއްވާފައި މި ވަނީ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައި ވަނިކޮށް އެއީ ބާތިލް ކަމެއް ކަމަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު އަމުރު ނެރެފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.