ސިޔާސީ ބައެއް ލީޑަރުން ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އަންގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގާނޫނީ ގޮތުން ހުރަސްއެޅޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން މި މޭރުމުން ބަޔާނެއް ނެރެފައި މި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ނެރުނު އަމުރުގައިވާ ކަންތައްތައް ތަންފީޒު ކުރުމުގައި އިތުރު އިރުޝާދާއި މަޝްވަރާއަށް ޕްރޮސެކިއުޓާ ޖެނަރަލްއަށް އެދިފައިވާތީއެވެ.
ސުޕްރީމް ކޯޓުން އާދިއްތަ ދުވަހުގެ ހަވީރު ނެރުނު ނޫސްބަޔާނުގައި ބުނެގައި ބުނެފައި ވަނީ ކުރުން ނެރުނު އަމުރުގައިވާ ގޮތުގެ މަތިން އަލުން ޝަރީއަތް ހިންގަން ޖެހޭ ފަރާތްތަކުގެ ޝަރީއަތް ހިންގުމަށްޓަކައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް ވާނަމަ އެކަން ކަމާ ބެހޭ ކޯޓަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނަރަލްއަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ބުނެފައިވެއެވެ.
ނުވަ މީހަކު ދޫކޮށްލަން އަމުރުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރު މިހާތަނަށްވެސް ސަރުކާރުން ތަންފީޒުކޮށްފައިނުވާއިރު އަމުރު ތަންފީޒު ކުރުމުގެ ކުރިން ސާފުކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ރައީސް އަބްދުﷲ ޔާމިން ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުން ކުރިން ނެރުނު އަމުރުގައި މިނިވަންކުރަން ބުނެފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ، ކުރީގެ ނާއިބު ލީޑަރު އަހްމަދު އަދީބު، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް، ދިއްގަދު ރާއިދާރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނު، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒް މުހުސިންގެ އިތުރުން މާމިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ ގާޒި އަހްމަދު ނިހާނެވެ.