ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ދިވެހިރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅުވައި، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އަތުލް ކެޝަޕް އެތައް ސުވާލެއް އުފައްދަވައިފިއެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވުމުގެ ބަދަލުގައި ދިވެހި ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ މެދު އެމެރިކާ ސަފީރު ސުވާލު އުފައްދަވާފައި ވަނީ އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
ކެޝަޕްގެ ޓްވީޓްގައި ތިން ސުވާލެއް ކުރައްވާފައިވާއިރު، ފުރަތަމަ ސުވާލު އަމާޒު ކޮށްފައި ވަނީ ހޯމަ ދުވަހު ފެށުމަށް ތާވަލް ކުރި ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ކެންސަލް ކުރެއްވި މައްސަލާގައެވެ.
މި މައްސަލާގައި ކެޝަޕް ސުވާލު ކުރައްވާފައި ވަނީ، ހޯމަ ދުވަހު ބޭއްވުމަށް ނިންމި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލް ކުރެއްވީ ސަލާމަތީ ކޮން ސަބަބަކާ ގުޅިގެންތޯ އެވެ.
ކެޝަޕްގެ ދެވަނަ ސުވާލު އަމާޒު ކުރެއްވީ ޤައުމުން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޝިނާން އަދި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެއަރޕޯޓުން ހައްޔަރު ކުރި މައްސަލަ އާއި އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތަކުގައި މަޖިލީހުގެ މެމްބަރުންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހާ މައްސަލައިގައެވެ.
އެގޮތުން ކެޝަޕް ވަނީ މަގުމަތީގައި މެމްބަރުންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހައި، ރާއްޖެ ވަޑައިގަންނަތަނުން އެއަރޕޯޓުން ހައްޔަރު ކުރަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. ކެޝަޕްގެ ފަހު ސުވާލު އަމާޒު ކުރެއްވީ ސުޕްރީމް ކޯޓުގެ އަމުރު ދިވެހި ސަރުކާރާއި ސަލާމަތީ ބާރުތަކުން ތަންފީޒު ނުކޮށް ދިގުދަންމަމުންދާ މައްސަލާގައެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކޮށް ހައްޔަރު ކޮށްފައިވާ މެމްބަރުން މިނިވަންކޮށް، މަޖިލީހުގެ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒުތަކުން ސަސްޕެންޑް ކޮށްފައިވާ މެމްބަރުންނަށް އެ އިމްތިޔާޒްތައް އިއާދަކުރުމަށް ދިވެހި ސަރުކާރާއި ސިފައިން އަދި ފުލުހުން ނިންމަވާނީ ކޮން އިރަކުންތޯ ކެޝަޕް ސުވާލު އުފެއްދެވިއެވެ.
ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުން އަމުރު ނެރުމާ އެކު އެ އަމުރަށް އިހްތިރާމް ކުރުމަށް ސަރުކާރަށް ގޮވާލި ފުރަތަމަ ޑިޕްލޮމެޓުންގެ ތެރޭގައި އެމެރިކާގެ ސަފީރު އަތުލް ކެޝަޕް ހިމެނިވަޑައިގަންނަވައެވެ.
What security risk prevents the #Maldives #Majlis from meeting tomorrow? Why are MPs pepper sprayed in the streets and arrested on arrival at airport? When will Government, police, & army implement Supreme Court orders freeing jailed MPs and restoring suspended MPs’ privileges?
— Atul Keshap (@USAmbKeshap) February 4, 2018
ސުޕްރީމް ކޯޓުގެ އަމުރަށްފަހު ބުރާސްފަތި ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ކެޝަޕް ވަނީ، ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި، ހުރިހާ ފަރާތްތަކަށް ޤާނޫނާއި އެއްގޮތަށް އިންސާފް ކަށަވަރު ކޮށްދިނުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރާ އެކު ދިވެހިރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާ ކުރުމަށާއި، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ބާރު ލިބިފައިވާ ކަމަށާއި، ސުޕްރީމް ކޯޓުގެ ނިންމުމަށް ސަރުކާރާއި ސަލާމަތީ ބާރުތަކުން އިހްތިރާމް ކުރުމަށް ކެޝަޕްގެ ޓްވީޓްގައި ގޮވާލާފައިވެއެވެ.
މީގެ އިތުރުން އެމެރިކާގެ ޚާރިޖިއްޔާ (ސްޓޭޓް ޑިޕާޓްމަންޓް) އިން ވެސް ވަނީ ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ މުއައްސަސާތަކާއި، ސަލާމަތީ ޚިދުމަތްތަކުން ޤާނޫނު އަސާސީ ނަގަހައްޓައި، ސުޕްރީމް ކޯޓުގެ އަމުރު ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް ގޮވާލާފައެވެ.
އެމެރިކާގެ އިތުރުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަދި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހާއި، ޔޫރަޕިއަން ޔޫނިއަން، އިނގިރޭސިވިލާތް، ކެނަޑާ، އޮސްޓްރޭލިއާ، އިންޑިއާ އަދި ސްރީ ލަންކާ އިން ވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް ދިވެހި ސަރުކާރަށް ވަކިވަކިން ގޮވާލާފައެވެ.