ބަންޑާރަނައިބު މުޙައްމަދު އަނިލް ޤާނޫނުއަސާސީގެ ބާރު ކަނޑުވާލައި، ބަޣާވާތް ކުރައްވައިފި ކަމަށާއި، މިހާރު ރާއްޖޭގައި ހިނގަމުން މި ދަނީ މިލިޓަރީ ވެރިކަމެއްގެ ސިފަ ޖެހިފައިވާ ވެރިކަމެއް ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.
ގުޅިފައިވާ ޕާޓީތަކުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ، އާދީއްތަ ދުވަހުގެ ހެނދުނު ބަންޑާރަނައިބު މުޙައްމަދު އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް މީޑިއާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައި، ރާއްޖޭގައި ބަޣާވާތެއް ހިންގުމަށް ދެއްކި ވާހަކަތަކެއް ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ސާފު ބަޣާވާތެއްކަން. އެއީ، މި ޤާނޫނުއަސާސީގެ ބާރު ކަނޑުވާލީމަ އެ އޮތީ ބަޣާވާތް ކުރެވިފަ. ބަޣާވާތް ކުރި ކަމަށް މިއަދު ޓީވީއަށް އަރާ، އެއީ ޖެނެރަލް ޝިޔާމްއާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ކަމަށްވަންޏާ، އަޅުގަނޑަކަށް ނޭނގެ އަނެއްކާ ފަހަރެއްގަ އެބޭފުލުންގެ ސިފަ ޖައްސާފަ ޑިސްގައިޒްގަ ތިބި ބޭފުޅުންނަށް ފަހަރުގަ ވެދާނެ، އެބޭފުޅުން ކަމަށް ވަންޏާ، މީ ބަޣާވާތެއް. ބަޣާވާތް އިޢުލާނު ކުރެވުނީ މިއަދު އެ. ރަސްމީކޮށް ބުނެވުނީ މީ ބަޣާވާތެކޭ. އޭ މިޔަކަށް ދެން ކިޔޭނެ އިތުރު އެއްވެސް އެއްޗެއް ނެތް. އެއީ އެބޭފުޅުން ކަމަށްވަންޏާ މި ޤާނޫނު އަރާ ހަމަކުރާނެ"، ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ މިހާރު ފުލުހުންނާއި ސިފައިން ތަބާވަނީ ބަންޑާރަ ނައިބަށްތޯ، ނުވަތަ ބަންޑާރަނައިބާއި ފުލުހުން ތަބާ ވަނީ ސިފައިންނަށްތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ ބޭފުޅުން ވެސް ވަނީ ބަންޑާރަ ނައިބު މިހާރު އަމަލުކުރައްވަމުން ގެންދަވަނީ ޤާނޫނީ ތަރަހައިން ބޭރުން ކަމަށާއި، މިހާރު އެބޭފުޅާ އެ ދައްކަވާ ވާހަކަތަކަކީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި، ޚުދު ސަރުކާރުން މީގެ ކުރިން އަމަލުކޮށްފައިވާ އުސޫލާ ވެސް ޚިލާފަށް ދައްކަވާ ވާހަކަ ކަމަށެވެ.
އެ ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ ޤާނޫނުތަކާއި ޤަވާއިދާއި ޚިލާފަށް މިހާރު އަމަލުކުރަމުންދާ ހުރިހާ ފަރާތްތަކާ ވެސް ޤާނޫނު އަރައި ހަމަކުރާނެ ކަމަށެވެ.