އިތުރަށް ބާރުގެ ބޭނުންނުކޮށް، ރައީސް އަބްދުﷲ ޔާމީން ސުލުހަވެރިކަމާ އެކު "ވަޑައިގަތުމަށް" ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ޔާމީނު މަގާމުން ދުރުކުރުމުގެ އަމުރެއް އެންމެ މަތީ ކޯޓުން ނެރުނު ނަމަވެސް، އެ އަމުރަށް ތަބާނުވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމާ އެފަދަ އަމުރެއް ތަންފީޒު ނުކުރައްވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމާއި ފުލުހުންގެ މުއައްސަސާ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުﷲ ނަވާޒު ދެއްވި ބަޔާނަށް ރައްދު ދެއްވައި، ކުރީގެ ރައީސް ނަޝީދު ވިދާޅުވީ "އިތުރަށް ކަންކަން ކުރައްވަން ރައީސް ޔާމީން އުޅުއްވަންޏާ އަނިޔާ ލިބިވަޑައިގަންނަވާނެ،" ކަމަށެވެ.
ރައީސް ޔާމީނާއި ބަންޑާރަ ނައިބާއި ޝިޔާމާއި ނަވާޒު އެ ހުންނެވީ ނަހަލާލު ބަގާވާތެއް ކުރައްވައިގެން ކަމަށާއި އެ ބަގާވަތް ހުއްޓުވަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އަމަލުކުރަމުން ދާންޖެހޭނީ ގާނޫނު އަސާސީއަށް ކަމަށާއި ގާނޫނު އަސާސީ ދަމަހައްޓަކައި ނަގަހައްޓާ ބެލެނިވެރި ފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި ސިފައިން ވެސް ފުލުހުން ވެސް އަދި ހުރިހާ ބޭފުޅުން ވެސް ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަންވަންޖެހޭނެ ކަމަށެވެ.
"މިރާއްޖޭގެ ދުސްތޫރީ ނިޒާމުގެ މައްޗަށް އަރައި ނުތިބެވޭނެ،" ސްރީ ލަންކާގައި ހުންނަވައި ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.
ރައީސް ޔާމީނާއި އަނިލާއި ޖެނެރަލް ޝިޔާމް އަދި ނަވާޒުގެ ބަޣާވާތުގެ ވާހަކަތައް ހުއްޓުވަން ރައްޔިތުން ނުކުންނެވުމަށް ވެސް ނަޝީދު ނޮވާލެއްވިއެވެ.
"މިކަމަށް ރާއްޖޭގެ ހުރިހާ ރަށަކުން މާލެ އަރައިވަޑައިގަތުމަށް ގޮވާލަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައީސް ޔާމީނު ބޭނުންވާ ގޮތަށް އަމަލުކުރެއްވުމާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ޖުމުލަ ތިއްބެވީ 50 އޮފިސަރުން ކަމަށާއި ނަވާޒާއި ޝިޔާމާއި އަނިލް މާލޭ ޖަލުގައި ހައްޔަރުކުރަން ޖެހޭ ކަމަށެވެ.
"މިކަމުގައި ރައްޔިތުން ވެސް ވީހާ ބޮޑަށް ބައިވެރިވުމަށް ގޮވާލަން. މުޅި ދުނިޔެ އޮތީ ދިވެހިރާއްޖެ އަށް ބަލަހައްޓައިގެން،" ނަޝީދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒުނުކޮށް އެ ބޭފުޅުންނަށް ވަޑައިގެންނެވޭނެ އިތުރު ތަނެއް ނެތް ކަމަށާއި އަމުރު ތަންފީޒު ނުކުރައްވާ ނަމަ ދެން ދާންޖެހިވަޑައިގަންނަވާނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެއްވި ބަޔާނުގައި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރާނެ ކަމަށް ވިދާޅުވިޔަސް، އެކަން ވަރިހަމަކޮށްލައިގެން ނުތިއްބަވާނެ ކަމަށާއި އެ ކަމާ ދެކޮޅަށް މަސައްކަތްކުރައްވައި ކާމިޔާބު ހޯއްދަވައި، ނަވާޒާއި ޝިޔާމް ހައްޔަރުކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ޖެނެރަލް ޝިޔާމަށް އެނގިވަޑައިގަންނަވަން ޖެހޭނެ އަޅުގަނޑުމެން ނުހުއްޓާނަން، އަޅުގަނޑުމެން ވަރަށް ބޮޑަށް ކާމިޔާބު ކުރައްވާނަން." އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުން ނިކަމެތިކުރުމަށް ރައީސް ޔާމީން ސަރުކާރުން މަސައްކަތްކުރާއިރު، އެކަމަށް ދެކޮޅު ހެދުމަށް ރައްޔިތުން ނުކުންނަން ޖެހޭ ކަމަށާއި ބަންޑާރަ ނައިބު އަނިލަށާއި ޖެނެރަލް ޝިޔާމް އަދި ނަވާޒަށް ރައްދު ދޭންޖެހޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުން ސަލާމަތްކޮށް ދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.