ރާއްޖެޓީވީ އިން ގެނެސްދެނީ ގައުމީ ސަލާމަތަށް ނުރައްކާވާ އަދި ފިތުނަ ފަސާދަ އުފެދޭ މައުލޫމާތު ކަމަށް ބުނެ ދޮގު ތުހުމަތެއް ކޮށް ރާއްޖެޓީވީ ބައްދުކުރަން ޕީޕީއެމުން ގޮވާލައިފިއެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުރީގެ ރައީސް "މުހައްމަދު ބޭނުންހާ ވާހަކައެއް ރާއްޖެޓީވީގަ ދެއްކިގެން ނުވާނެ" ކަމަށާއި މިހާރުން މިހާރަށް ރާއްޖެޓީވީ ބަންދުކުރުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ގޮވާލާ ކަމަށެވެ. އަދި ހަމައާ އުސޫލްތަކުން މިކަން ކުރުމަށް ސަލާމަތީ ބާރުތަކަށް ގޮވާލާ ކަމަށެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވި ނަމަވެސް ރާއްޖެޓީވީ އިން ފިތުނަ ފަސާދަ އުފެއްދުމަށް ގެނެސްދެމުން ގެންދަނީ ކޮން މައުލޫމާތެއް ކަމެއް އަދި ފިތުނަ ފަސާދަ އުފެއްދުމަށް ކުރަނީ ކޮން ކަމެއް ކަމެއް ވިދާޅެއް ނުވެއެވެ.
ޕީޕީއެމްގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރަކު ވެސް ވަނީ ރާއްޖެ ޓީވީ އަށް ގުޅައި އިންޒާރު ދެއްވާފައެވެ. އަދި ރާއްޖެ ޓީވީ އަށް ހަމަލާދޭނެ ކަމުގެ އިންޒާރު ލިބުމާ ގުޅިގެން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ގެންދަނީ ރާއްޖެ ޓީވީގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.