އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދައުލަތުގެ ފަރާތުން ނެރޭނެ ކަމަށް ބުނި ބަޔާން 3 ގަޑިއިރުވިއިރުވެސް އިއްވާފައިނުވެއެވެ.
ދައުލަތުގެ ފަރާތުން މި ބަޔާން އިއްވާކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ ރައީސް ޔާމީންގެ ކެމްޕެއިނުގެ އެންމެ މައި ޕޭޖެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ "އަސުރުމާ" ގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ކޮށްފައިވާ ޓްވީޓަކުންނެވެ. އެ ޕޭޖުން ޓްވީޓް ކުރިތާ ދެ މިނެޓު ފަހުން ދައުލަތުގެ މީޑިއާ ކަމަށްވާ ޕީއެސްއެމްއިން ވެސް ސަރުކާރުގެ ފަރާތުން ބަޔާނެއް ނެރެން އުޅޭ ކަމަށް ބުނެ ޓްވީޓެއް ކޮށްފައިވެއެވެ. މި ޓްވީޓްގައިވާ ގޮތުން މި ބަޔާން ދައުލަތުން ގެނެސްދިނުމަށް ނިންމީ ސަރުކާރަށް ތާއިދުކުރާ ދެ ޗެނަލެއް މެދުވެރިކޮށެއެވެ.
އެހެން ނަމަވެސް އެ ޓްވީޓްތައް ކުރިތާ 3 ގަޑިއިރުވިއިރުވެސް އެ ބަޔާން އިއްވިފައެއް ނުވެއެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ދައުލަތުގެ ފަރާތުން މި ބަޔާން އިއްވާނީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްއެވެ.
މުޅި ގައުމު މި ބަޔާނަށް އިންތިޒާރު ކުރަމުން އަންނައިރު ދައުލަތަށް މި ބަޔާން އިއްވިފައި ނުވަނީ ސަރުކާރުގެ ތެރޭގައި ސުޕްރީމް ކޯޓުގެ އަމުރާއި މެދު އަމަލުކުރާނެ ގޮތަކާއިމެދު ހިޔާލު ތަފާތުވުންތަކެއް އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.