ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު މިހާރު އެ ހުންނެވީ ރަހީނު ކުރެވިފައި ކަމަށާއި ފާރިސް ވަނީ އެކަމުގައި ބައިވެރިވާ ވަކި ވަކި ފުލުހުންގެ މައްސަލަ ކޯޓަށާއި ކޮމިޝަންތަކަށް ހުށަހަޅަން ނިންމަވާފައި ކަމަށް އޭނާގެ ގާނޫނީ ވަކީލުން މިރޭ ބުނެފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ މ.އެންދެރިމާގޭގައި ފާރިސްގެ ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫނު ހަމީދު ވިދާޅުވީ ސުޕްރީމް ކޯޓަށް ގޮންޖަހައި، ފާރިސް އެވަނީ އޭނާ މިހާރު ރަހީނުކޮށްފައި ކަމީ އެއްވެސް ޝައްކެތް ނެތް މިންވަރަށް ޔަގީންވާ ކަމެއް ކަމަށެވެ.
"އެ ހިފަހައްޓާ ހިފެހެއްޓުން ޓެރަރިޒަމްގެ އަމަލަކަށް ނޫނީ ނުވާނެ. ފާރިސް ރަހީނު ކުރުން ނޫނީ ނުވާނެ،" މައުމޫނު ހަމީދު ވިދާޅުވި އެވެ.
މައުމޫނު ހަމީދު ވިދާޅުވީ ފާރިސް ދޫކޮށްނުލެވިގެން އުޅެނީ ފުރިހަމަ ކުރާން ޖެހޭ އިޖްރާއަތްތައް ފުރިހަމަ ނުވެގެން ކަމަށް ބުނާ ވާހަކައަކީ ހަގީގަތް އޮޅުވާލުމަށް ދައްކާ ވާހަކައެއް ކަމަށެވެ. އަދި ފާރިސް ހައްޔަރުކޮށްފައި ބަހައްޓަން ސައްހަ އަމުރެއް ނެތް ކަމަށެވެ.
"ގަދަކަމުން މިހާރު އެ ބޭފުޅުން ފާރިސް އެ ހިފަހައްޓަނީ، ގާނޫނީ އެއްވެސް އަސާސެއް ނެތް،" މައުމޫނު ހަމީދު ވިދާޅުވި އެވެ.
މައުމޫނު ހަމީދު ވިދާޅުވީ ފާރިސް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވަނިކޮށް އޭނާ ދޫކޮށް ނުލާން ބައިވެރިވާ ކޮންމެ މީހަކުވެސް ކުށްވެރިވާނެ ކަމަށާއި އެމީހުން އެ އަމަލު ހިންގީ އެހެން ފަރާތަކުން އަންގައިގެން ކަމަށްބުނެ ސަލާމަތްނުވެވޭނެ ކަމަށެވެ.
ފާރިސްގެ ގާނޫނީ ވަކީލް މައުމޫނު ހަމީދު ވިދާޅުވީ އިބްރާހިމް ޝަމީލް ވިދާޅުވީ ދޫނިދޫގައި ތިބި ފުލުހުންގެ ޖޫނިޔާ ބޭފުޅުން ފާރިސް ހުންނެވީ ގައިރު ގާނޫނީ ބަންދެއްގައި ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެން ނަމަވެސް އެ މީހުނަށް ވުރެ ސީނިއާ މީހުންގެ އަމުރުތަކާ ހެދި ފާރިސް ދޫކޮށްނުލެވިގެން އުޅެނީ ކަމަށެވެ. ނަމަވެސް ވަކި ވަކި ފުލުހުންނަށް ދައުވާ ކުރެވޭނެ ކަމަށާއި އެކަން ކުރުމަށް ނިންމާފައިވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.
ޝަމީލް ވިދާޅުވީ ދޫނިދޫގައި ކަސްޓޯޑިއަލްގައި އިންޗާޖަކަށް ހުންނަވާ ފުލުސް މީހާ އާ ބައްދަލުކޮށް ފާރިސް އެ ހުންނެވީ ޣައިރު ގާނޫނީ ބަންދެއްގައި ކަމަށް ދެންނެވުމުން އެކަން ގަބޫލު ކުރެއްވި ކަމަށާއި އެހެން ނަމަވެސް ފާރިސް ދޫނިދޫގައި ބަހައްޓަވާފައިހުންނަވާ ސަބަބެއް ވިދާޅެއް ނުވެވޭ ކަމަށެވެ. އަދި މާލެ ގެންނެވުމަށް ފާރިސް ލޯންޗަށް އެރުވުމަށްފަހު އަނބުރާ ދޫނިދޫގައި ބެހެއްޓެވީ ކިހިނެތްކަމެއް އިންޗާޖަކަށް ހުރި ފުލުސް މީހާއަށް ނޭނގޭ ކަމަށްވެސް ޝަމީލް ފާހަގަ ކުރެއްވި އެވެ.