ބަންދުގައި ތިއްބެވި ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް އަންގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ވަގުތުން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާ ގުޅުންހުރި ފަރާތްތަކަށް ރާއްޖޭގެ 78 ގާނޫނީ ވަކީލުން ގޮވާލައިފި އެވެ.
ރާއްޖޭގެ ފުންނާބު އުސް ވަކީލުން ހިމެނޭ ގޮތަށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުން ނެރުއްވާފައިވާ އަމުރަކަށްވާތީ އެ އަމުރު އިތުރަށް ދިރާސާ ކުރުމެއް ނެތި އަދި އިތުރަށް އިތުރު ރައުޔު ހޯދުމެއް ނެތި ތަންފީޒުކުރަން ޖެހޭ ކަމަށެވެ.
އެ އަމުރުގައި ނަން ފާހަގަކޮށްފައިވާ ސިޔާސީ ލީޑަރުންނާއި އެހެނިހެން ފަރާތްތައް ބަންދު ކުރެވުނު ޝަރުއީ އަދި ގާނޫނީ ސަބަބުތައް ސައްހަ ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަން ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
ރައީސް މުހައްމަދު ނަޝީދާއެކު ސިޔާސީ ނުވަ ބޭފުޅަކު ދޫކޮށްލަން އަންގާފައިވާ ފަރާތްތަކާ ބެހޭ މައްސަލަތައް ގާނޫނު އަސާސީއާ ގާނޫނުތަކުގައިވާ ގޮތުގެ މަތިން އަލުން ބެލޭނެ އިންތިޒާމްތައް ހަމަ ޖެއްސުމަށްޓަކައި ވަގުތުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ އެ ކޯޓަށް މިހާތަނަށް ހުށަހެޅުނު މައްސަލަތަކަށް ރިއާއަތްކުރުމަށް ފަހު ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
"ގާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ގާނޫނު އަސާސީ އާއި ގާނޫނު މަނާކުރުމުގައި އަދި ޝަރީއަތުން ބަލާ އެނޫން ވެސް މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންތައް ކަމަށްވާ ހިނދު ހަވާލާދީފައިވާ ކޯޓު އަމުރަށް ތަބާވުމަކީ ހުރިހާ ފަރާތްތަކުގެ މައްޗަށް ލާޒިމްކަމެކެވެ. ގާނޫނު އަސާސީގެ 20 ވަނަ މާއްދާއިން ކަށަވަރުކޮށްދީ ފައިވާ ގާނޫނުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ލިބިދިނުމާއި ގާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތައް ކޮންމެ މީހަކަށްވެސް އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާ އުފުލިއްޖެ ނަމަ އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތް ކުރުމުގެ ހައްގު ހިމާޔަތްކޮށް ދަމަހައްޓަން ޖެހެ އެވެ." އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ އަމަންއާންމާއި ސުލްހަ މަސަލަސްކަން ނުގެއްލޭނެ ގޮތައް އަސާސީ ހައްގުތައް ނަގަހައްޓައި ހިމާޔަތްކުރުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
މި ބަޔާން ނެރުއްވި ގާނޫނީ ވަކީލުންގެ ތެރޭގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ދިޔާނާއި ސައީދާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ހިމެނިވަޑައިގަންނަވަ އެވެ. ރާއްޖޭގެ ގިނަ މައްސަލަތަކުގައި ކޯޓަށް މިހާރުވެސް ވަޑައިގަންނަވާ ވަކީލުން ހިމެނިވަޑައިގަންނަވަ އެވެ.