ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް މި ފަސްގަނޑުގައި އެއްވެސް ހައްގެއް ލިބިފައިނުވާ ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވި މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ މުއައްސަސާއާ ހަވާލުވެ ހުންނެވި އެކްޓިން ޕޮލިސް ކޮމިޝަނަރ އަބްދުﷲ ނަވާޒަށް ފޮނުއްވި ސިޓީއަކުން މި މައްސަލަ ހުށަހެޅުއްވީ އަދީބުގެ ވަކީލުންނެވެ. އެ މައްސަލައިގައި އަދީބުގެ ވަކީލުން ވިދާޅުވެފައިވަނީ އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމްތަކާއި ތަހްގީގުތައް ބާތިލް ކަމަށް ކަނޑައަޅާފައި ވާއިރު އެމަނިކުފާނަށް ގާނޫނު އަސާސީންނާއި ގާނޫނުން ލިބިދޭ އެންމެހާ ހައްގުތައް ލިބިގެންވާ ކަމަށެވެ.
ގާނޫނީ ވެރިކަން ކުރިއަރުވައި އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ނ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މައްސޫލިއްޔަތަކަށް ވާއިރު ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވުމަކީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު ކަމަކަށްވާތީ އެ މައްސަލަ ތަހްގީގުކޮށްދޭން އެދޭ ކަމަށް ވަކީލުން ވިދާޅުވެފައިވެ އެވެ،
އަދީބު ހުންނެވީ އަދިވެސް ދައުލަތުގެ މުވައްސަސާއެއްގެ ބެލުމުގެ ދަށުގައި ކަމަށްވާތީ އަދީބަށް ލިބެންޖެހޭ ރައްކާތެރިކަން ލިބެމުންދާކަން ކަށަވަރުކޮށްދެއްވައި އާއިލާއަށް އެކަން އަންގައި ދިނުމަށް ވެސް ފުލުހުންގެ ކިބައިން އެދިފައިވެ އެވެ.