މިހާރުގެ ހާލަތާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުގެ އެހީތެރިކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެދިވަޑައިގެންފައިވާ ކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރަށް ފުރިހަމަ އަށް އިހްތިރާމް ކުރެއްވުމަށް ދިވެހި ސަރުކާރަށް ގޮވާލައި، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ނެރުއްވި ބަޔާނާ ގުޅިގެން ގުޓަރޭސް ޓެގް ކުރައްވައި، ދުންޔާ ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ މިހާރުގެ ހާލަތުން އަރައިގަނެ، ޑިމޮކްރެސީ ވަރުގަދަ ކުރުމަށާއި އަދި މުއައްސަސާތައް ހަރުދަނާ ކުރެއްވުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އަދި ބައިނަލްއަޤްވާމީ މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން އެކަމަށް އެދިވަޑައިގެންފައިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.
ރާއްޖޭގައި ހުންނަވާ އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރ އަދި ޝޮކޯ ނޯޑާ ވެސް ޓެގް ކުރައްވާފައިވާ މިޓްވީޓްގައި ދުންޔާ ވަނީ ރާއްޖޭގެ މިހާރުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުގެ އެހީތެރިކަމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.
We need the support of the UN @antonioguterres & international community to overcome current impasse & strengthen our democracy and institutions Government of HEP Yameen has requested this support. Imperative we avert further deterioration in the situation! @shokonoda https://t.co/UFX8X5NBIE
— Dunya Maumoon (@dunyamaumoon) February 3, 2018
އދ. ގެ އިތުރުން އެމެރިކާ، އިނގިރޭސިވިލާތް، ކެނަޑާ، އޮސްޓްރޭލިއާ، އިންޑިއާ އަދި ސްރީލަންކާ އިން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ނެރުއްވި ބަޔާނުގައި ވަނީ، ބަންދުގައި ތިއްބެވި އިދިކޮޅު ލީޑަރުން މިނިވަން ކުރުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގެ މުހިންމުކަން ފާހަގަކޮށް، އެ އަމުރަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް ގޮވާލާފައެވެ.
In Maldives, @antonioguterres calls all for restraint and on Gov to respect Supreme Court ruling ordering release of convicted opposition leaders and reinstatement of 12 Members of Parliament. https://t.co/605S3eR69z
— UN Spokesperson (@UN_Spokesperson) February 3, 2018
ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ހުރި މައްސަލަތަކަށް ހައްލު ލިބޭނީ ހުރިހާ ޕާޓީތަކެއް ބައިވެރިވާ މަޝްވަރާގެ ތެރެއިން ކަމަށް ޤަބޫލް ކުރައްވާ ކަމަށާއި، އެފަދަ މަޝްވަރާތަކަށް މަގުފަހި ކޮށްދިނުމަށް އދ. އިން ތައްޔާރަށް އޮތް ކަމަށް ގުޓަރޭސް ބަޔާނުގައިވެއެވެ.
ގުޓަރޭސްގެ އިތުރުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން ވެސް ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައި، ދިވެހި ރާއްޖޭގައި ހިނގަމުންދާ ކަންކަން ގާތުން ބަލަމުންދާ ކަމަށް ބުނެފައެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް އެތައް ގަޑިއިރުތަކެއް ވެފައިވާއިރު، ސަރުކާރުން ދަނީ ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ބަލަމުންދާ ކަމަށް ބުނެ ހުއްޖަތު ދައްކައި، ކޯޓުގެ އަމުރު ތަންފީޒު ކުރުން ފަސް ކުރަމުންނެވެ.